ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު ރީކޯ މޫސާ މަނިކް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ. ގަމު ދާއިރާއަށް ވާދަނުކުރައްވަން ނިންމަވައިފިއެވެ.
ރީކޯ މޫސަ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވި ސަބަބެއް ރީކޯ ހާމަނުކުރައްވައެވެ.
2019 ge Majlis inthikhaabuga vaadha Nukuran alhugandu nimaifin pic.twitter.com/brzOizwusd
— Reekomoosa (@ReekoMoosa) February 8, 2019
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެމްޕޭންގައި އިސްކޮށް މޫސަ އުޅުއްވި ނަމަވެސް އިންތިޚާބަށް ފަހު މޫސަ ފެންނަނީ ރައީސް ސޯލިހަށް ތާއިދުކޮށް އެކި ފޯރަމްތަކުގައި ވާހަކަދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ މިހާރު ވަނީ ޕީޕީއެމުން ވެސް ވަކިވެވަޑައިގެންފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީގެ އެމްޑީޕީގެ ފަރާތުން، އެ ޕާޓީގެ ޓިކެޓް ކަށަވަރުކޮށް ލ. ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރަނީ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހު ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުއެވެ.