ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް އުއްމީދުތައް ގެނެސްދިން ބަޔާނެއް ކަމަށާއި، އެ ބަޔާނުގައިވާ ކަންކަން ހަޤީޤަތަކަށް ހެދުމަށްޓަކައި އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު މުހިންމު ކަމަށް، ސަރުކާރު ހިންގާ މައި ޕާޓީ، އެ ޕާޓީން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ބޭއްވި މަޖިލީޙުގެ ޖަލްސާގައި ރައީސް ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް މަރުހަބާ ދަންނަވައި، އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ރައީސް ސޯލިޙް ހުށަހެޅުއްވި، ރައްޔިތުންނަށް އުއްމީދު ގެނެސްދެނެވި ރިޔާސީ ބަޔާނަށްޓަކައި އެމަނިކުފާނަށް މަރުހަބާއާއި، ޝުކުރު ދަންނަވާކަމަށެވެ. ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ބޮޑެތި ހެޔޮ ބަދަލުތައް ގެނެސްދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސް ސޯލިޙް ހާމަކުރެއްވި ސިޔާސަތުތަކާއި، ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ރައްޔިތުންގެ އުއްމީދުތައް އާލާވެގެން ގޮސްފައިވާކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުން، ބޮޑު ބަދަލަކާއެކު ފެނިގެންދާނެކަމާމެދު ޝައްކެއްނެތް ކަމަށެވެ. އަދި ރައީސް ސޯލިޙް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި، އެމްޑީޕީގެ ތަޞައްވަރާއި، ސިޔާސަތުތަކާ އެއްގޮތަށް، ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނެގެހެއްޓުމަށާއި، ފަރުދީ މިނިވަންކަމާއި ޙައްޤުތައް ކަށަވަރުކުރުމަށް އޮތް މަތިވެރި ޢަޒުމު ހާމަވެގެން ގޮސްފައިވާކަމަށް އެ ޕާޓީން ބުންޏެވެ.
![](https://dyncz33htw1ec.cloudfront.net/posts/1549567779.jpg)
އެމްޑީޕީން ބުނީ، އަބަދުވެސް އެ ޕާޓީން ގޮވާލަމުންގެންދާ ބީދައިން، ފަނޑިޔާރުގެ މިނިވަންކުރުމާއި، ޢަދުލު އިންސާފާއި ހަމަހަމަކަން ޤާއިމުކުރުމުގެ މުހިއްމު މަސައްކަތްޕުޅު ކުރައްވާނޭކަމުގެ އުއްމީދު ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގައި ދެއްވާފައިވާކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަނުގެ މޫތައް ނެތިކޮށްލުމުގެ މަސައްކަތްޕުޅުކުރައްވާނޭކަމުގެ ޔަޤީންކަން ވެސް ދެއްވާފައިވާކަމަށާއި، "ނޫ އިޤްތިޞާދު"ގެ ސިޔާސަތުގެ ދަށުން މުޅި ޖަޒީރާ ރާއްޖެ ތަރައްޤީވެގެންދާނޭގޮތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ބަޔާނުން ހާމަވެގެން ގޮސްފައިވާކަމަށެވެ.
އެމްޑީޕީން ބުނީ ލާމަރުކަޒީ ކުރުމާއި، ފަރުދުންގެ އާމްދަނީގެ ޓެކްސް ތަޢާރަފުކުރުމާއި، ވަޒީފާގައި އުޅޭ ފަރާތްތަކަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާއި، ވަޒީފާނެތުމުން ވަޒީފާ ހޯދަން މަސައްކަތްކުރަމުންދާ ފަރާތްތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި، ބޯހިޔާވެހިކަން ކަށަވަރުކޮށްދިނުމުގެ ހަރުދަނާ ޢަޒުމު އެމަނިކުފާނު ހާމަކުރައްވާފައިވާކަމަށެވެ. އަދި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ރާއްޖޭގައި ހިލޭކިޔެވޭނޭގޮތްވުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށް ކުޑަ އިންޓްރެސްޓްގައި، ދިގު މުއްދަތެއްގައި އަދާކޮށް ނިންމާގޮތަށް ފަސޭހަކަމާއެކު ލޯނު ފޯރުކޮށްދިނުމުގެ ސިޔާސަތު ފަދަ ސިޔާސަތުތަކުގެ ސަބަބުން ކިޔަވާކުދިންނާއި ރައްޔިތުންގެ އުއްމީދުތައް އާލާވެގެން ގޮސްފައިވާކަން އެމްޑީޕީގެ ބަޔާނުގައިި ބުނެފައިވެއެވެ.
![](https://dyncz33htw1ec.cloudfront.net/posts/1549567732.jpg)
ރައީސް ސޯލިޙްގެ ރިޔާސީ ބަޔާނުން ރާއްޖޭގެ ރައްޔިތުންނަށް ދެއްވި އުފާވެރި ޚަބަރުތަކާއި އުއްމީދުތައް ޙާޟިލުކުރުމަށް އެމްޑީޕީގެ ފުރިހަމަ ތާޢިދާއި އެއްބާރުލުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނޭކަމުގެ ޔަޤީންކަން އަރުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަންކަމަކީ ޕާޓީގެ ތަޞައްވަރާއި ސިޔާސަތުތައްކަމަށްވާތީ، އެކަންކަން ހަޤީޤަތަކަށް ހެދުމަށްޓަކައި، ސަރުކާރަށް ޤާނޫނީ ބާރުވެރިކަން ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީއަށް ފުރިހަމަ އަޣުލަބިއްޔަތު ރައްޔިތުން ދެއްވުމަކީ ނުހަނު މުހިއްމުކަމަކަށްވާތީ، ޕާޓީއަށް ވޯޓުދެއްވުމަށް ރައްޔިތުންގެ ކިބައިން، އެމްޑީޕީން ވަނީ އެދިފަ އެވެ.