ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ކުރިން އެކަމަށްޓަކައި އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުުތުބާގައިވަނީ ކުއްލި މަރުތަކާއި އެކި ހާދިސާތައް ކުރިމަތިވުމުގެ ކުރިން އެކަމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން އިމާރަތް ކުރުމުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.
" ފަހަކަށް އައިސް ގޯތި ގެދޮރޮ އިމާރާތް ކުރުމުގައި ވަރަށް ބޮޑަށް ފަރުވާކުޑަ ކުރާކަން ފާހަގަކުރެވެއެވެ. އިމާރަތް ކުރުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ވެއްޓޭ ތަކެތިން ޖެހި، މީހުންގެ ފުރާނައަށާއި ތަކެއްޗަށް ގެއްލުން ލިބި، ވަރަށް ހިތާމަވެރި ހާދިސާތައް ހިނގައެވެ. އިމާރަތް ކުރުމުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް އަލިފާން ނިއްވާ ވަސީލަތްތަކާއި، ކަރަންޓާއި، ފެނާއި، ގޭހާއި އަދި މިނޫންވެސް ވަސީލަތްތަކަކީ ފެންވަރު ރަނގަޅު ވަސީލަތްތައް ކަމުގައި ހަދަން ޖެހެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.
ފަހަކަށް އައިސް ކަނޑުމަތީގެ އެކިއެކި ހާދިސާތަކާއި، ދަތުރުފަތުރު ކުރުމުގައި ދިމާވާ އެކިއެކި ހާދިސާތައް އިތުރުވެފައިވާއިރު، އެކަމަށްވެސް ޚުތުބާގައި އަލިއަޅުވާލާފައެވެ. އެގޮތުން ކަނޑު ދަތުރުފަތުރު ކުރުމާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުތަކާއި ޤަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.
" ކަނޑު ދަތުރުފަތުރު ކުރުމާއި، މޫދަށްއެރި އުޅުމާއި، ފީނައި އުޅުމުގައިވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދޭންވާނެއެވެ. މީގެ އިތުރުން އެއްގަމު އުޅަނދުފަހަރު ދުއްވާ މީހުންނާއި މަގު ހިނގާ މީހުންވެސް ރައްކާތެރިވާން ޖެހޭނެއެވެ. އެއްގަމު އުޅަނދުގައި ދަތުރުކުރާ މީހުން އެތަކެތީގެ ބުރަކި ރަނގަޅުތޯ، ތެޔޮ ހުރިތޯ، އަޑީތެޔޮ ބަދަލުކުރަން ޖެހޭތޯ، ފުރޮޅުގެ ޓަޔަރުތައް ހުރީ ސަލާމަތުންތޯ، ދަތުރު ފެށުމުގެ ކުރިން ބަލައި ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެންޖެހެއެވެ. " ޚުތުބާގައި ބުނެފައިވެއެވެ.
މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކާ ގުޅޭގޮތުން މިއަދުގެ ޚުތުބާގައި ބުނީ މީހެއްގެ އިހުމާލުން އަނެކާއަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ އިހުމާލުވި މީހާ ނަގަން ޖެހޭނެ ކަމަށެވެ.
" މުޖުތަމައުގެ އެންމެހާ އަފްރާދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކަށް ޚުރުމަތްތެރިކޮށް ހިތަން ޖެހޭނެއެވެ. އެ ޤަވާއިދުތަކާ ޚިލާފު ވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުން ވެއްޖެނަމަ އެކަމުގެ ޒިންމާވެސް އުފުލަން ޖެހޭނެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅާފައިވާއިރު، މިފަހަކަށް އައިސް އެކްސިޑެންޓުތަކާއި، ކުއްލި މަރުތަކާއި، ނުރައްކާތެރި އެކި ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ.