ފުލުހުންގެ ބަންދުގައި ހުންނަ މީހެއްގެ ގާނޫނީ ވަކީލަކަށް ވުމާއި އާއިލީ ބައްދަލުވުމަށް އެދޭ ފޯމް، އީ-މެއިލް މެދުވެރިކޮށް ބަލައިގަންނަން ފަށައިފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ބަންދެއްގައި ހުންނަ 18 އަހަރުން މަތީގެ މީހެއްގެ ގާނޫނީ ވަކީލުކަމަށް އައްޔަނުވުމަށްޓަކައި ''ގާނޫނީ ވަކީލަކަށް ޢައްޔަނުވުމަށް އެދޭ ފޯމް'' ފުރުމަށްފަހު ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ހުށަހެޅުމުން، އެފޯމްގައި ބަޔާންކޮށްފައިވާ ގާނޫނީ ވަކީލަކީ ބަންދުގައި ހުންނަ މީހާ ގަބޫލުކުރާ ވަކީލެއް ނަމަ އެ ގާނޫނީ ވަކީލަކު، ބަންދުގައި ހުންނަ 18 އަހަރުން މަތީގެ މީހާގެ ގާނޫނީ ވަކީލަކަށް އައްޔަންކޮށްދެވޭނެ ކަމަށެވެ.
ގާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދި ހުށަހަޅާ ވަކީލަކީ ބަންދުގައިވާ މީހާގެ އާއިލާގެ ފަރާތުން ނުވަތަ ކުންފުންޏެއްގެ ފަރާތުން އިޚްތިޔާރުކޮށްފައިވާ ގާނޫނީ ވަކީލެއް ނަމަ އެ ވަކީލަކު ފޮނުވި ފަރާތުގެ ސިޓީއެއް މި ފޯމާއިއެކު ހުށަހަޅަން ޖެހޭނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ އާއިލާއިން ފޮނުވާ ގާނޫނީ ވަކީލެއްނަމަ އެވަކީލަކު ފޮނުވީ ބަންދުގައިހުރި މީހާގެ އާއިލާގެ ކޮން ފަރާތަކުންކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށެވެ. ނަމަވެސް އަމިއްލަ ގޮތުން ވަކީލަކަށް އެދި އައްޔަނުވާން ހުށަހަޅާއިރު އެއްވެސް ފަރާތެއްގެ ސިޓީއެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ފުލުހުން ބުނީ ބަންދުގައި ހުންނަ މީހާގެ ގާނޫނީ ވަކީލުކަމަށް އެދި ''ގާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދޭ ފޯމް'' ފުރުއްމަށްފަހު މެއިލް ކުރާނީ އެ ގާނޫނީ ވަކީލެއްގެ އަމިއްލަ އީމެއިލް އެޑްރެހަކުން ކަމަށާއި، ލޯ ފާމެއް ނަމަ އެ ލޯ ފާމެއްގެ ރަސްމީ މެއިލް އެޑްރެހުން ކަމަށެވެ. އަދި މިގޮތަށް އަމަލުކުރަން ފެށުމުން ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ހާޒިރުނުވެ، ކޮންމެތާކު ހުރެގެންވެސް އީމެއިލްގެ ޒަރީއާއިންވެސް ފޯމް ހުށަހެޅުމުގައި ލުއި ފަސޭހަވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ބަންދުގައިވާ މީހާއަށް ޒިޔާރަތްކުރުމަށް އެދޭ ފޯމް ވެސް މިއަދުން ފެށިގެން އީމެއިލްގެ ޒަރީއާއިން ހުށަހެޅޭނެ ކަމަށެވެ.
ފުލުހުން ބުނީ ފޯމް ބަލައިގަންނާނީ ކަސްޓޯޑިއަލްގެ ރިސެޕްޝަނުން، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 08:45ން 12:00ށް، 13:00ން 15:30ށް، 16:30ން 19:00ށް، އަދި 20:00ން 23:00ށެވެ. ހުކުރު ދުވަހު 14:00ން 15:30ށް، 16:30ން 19:00ށް އަދި 20:00ން 23:00ށެވެ.