ގދ. ތިނަދޫއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާ މަޝްވަރާކޮށްފިއެވެ.
ބުރާސްފަތި ދުވަހު ތިނަދޫ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަކުރެއްވުމުގައި ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ވަނީ ނައިބް ރައީސްއާ ހިއްސާކުރައްވާފައެވެ.
އެގޮތުން އައިސް ޕްލާންޓްގެ މަސައްކަތްތައް އަވަސްކޮށްދިނުމާއި، ފެންވަރު ރަނގަޅު ޓީޗަރުން ރަށުސުކޫލަށް ބޭނުންވާ ކަމަށާއި ލެބޯޓަރީގެ ޚިދުމަތް ބޭނުންވާކަމުގައި ކައުންސިލް މެންބަރުން ވިދާޅުވިއެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށާއި، ތިނަދޫ އިސްލާމީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތަކާއި، މިސްކިތްތަކަށް ދިމާވާ މައްސަލަތައް މެންބަރުން ހިއްސާކުރެއްވިއެވެ.
މިބައްދަލުވުމުގައި ނައިބް ރައީސް ފައިސަލް ވިދާޅުވީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ކައުންސިލްގެ ބައްދަލުވުމަށްފަހު ތިނަދޫ އަބޫބަކުރުސުކޫލުގެ ޕޭރެންޓްސް ޓީޗަރސް އެސޯސިއޭޝަންއާއި ވެސް ނައިބް ރައީސް ފައިސަލްއާ ބައްދަލުކޮށްލެއްވިއެވެ. އެބޭފުޅުންވެސް ވަނީ ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ.