ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ މެންބަރުންނާއި، އެރަށުގެ ބައެއް މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ގައްދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މައުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ވަނީ ނައިބު ރައީސްއާއި ހިއްސާކުރައްވާފައެވެ.
އެގޮތުން ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށް މާލީތަނަވަސްކަން ހޯދައިދިނުމުގެ ގޮތުން އެރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ސިއްހީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން ސިއްހީ މަރުކަޒާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބޭފުޅާ ވަނީ މުވައްޒަފުންގެ ދަތިކަން ވަރަށްބޮޑަށްކުރިމަތިވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި ސީ އެމްބިއުލަންސްގެ ޚިދުމަތް ތައާރަފުކުރުމަށްވެސް އެބޭފުޅުން ވަނީ އެދިވަޑައިގެންފައެވެ.
ރަށަށް ކުރިމަތިވާ އިތުރުދަތިތައް ފާހަގަ ކުރައްވަމުން ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ ސުކޫލު ކައިރީގައި ކުނި ކޮށި އޮތުމުގެ ސަބަބުން ކިޔަވާ ކުދިންނަށް ދުމުގެ އަސަރުކުރާކަމަށާއި އެކަމަށް ހައްލެއްހޯއްދަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައިވެއެވެ. އިތުރަށް ވާހަކަ ދައްވަމުން ކައުންސިލު މެންބަރުން ވިދާޅުވީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އަދި މި ދަތިތައް ނުވަތަ ހުރަސްތައް ނައްތާލުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މިކަމާއި ގުޅިގެން ނައިބު ރައީސް ވިދާޅުވީ ގައްދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސަތްކަތްކުރައްވާނެ ކަމަށެވެ.