ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކައިން ބައެއް އުނިކޮށް، އޮޅޭ ގޮތަށް ހަބަރުތައް ފަތުރަމުންދަނީ ސިޔާސީ މަންފާ ހޯދުމަށް ކަމަށް ޑިފެންސް މިނިސްޓަރީން ބުނެފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލްއަށް މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި "އިންޑިއާ އިން ބޭނުން ނަމަ ރާއްޖެ ހިފިދާނެ" ކަމަށް ވިދާޅުވެފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެކަމަ ގުޅޭ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިންޓަވިއުގައި ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާ އަވަށްޓެރި އިންޑިއާ އަކީ ޒަމާނުއްސުރެ އެއް ޤައުމު އަނެއް ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް އިހްތިރާމްކޮށް، އެކުވެރިކަމާއެކު އުޅޭ ދެ ޤައުމުކަމާއި އިންޑިއާގެ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑުކަމުގައި ވިޔަސް ދެ ޤައުމު އަބަދުވެސް، ދެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމް ކުރާ ކަމަށެވެ.
މިނިސްޓަރު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ބައެއް އުނިކޮށް ދެއްކެވި ވާހަކަފުޅު އޮޅޭ ގޮތަށް ފަތުރަމުންދާ ހަބަރުތަކަކީ ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލުމަށް ފަތުރަމުންދާ ހަބަރެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ޑިފެންސް މިނިސްޓަރު ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ދިފާއުކޮށް ދެމެހެއްޓުމުގައި ސާބިތުކަމާއެކު ހުންނެވި ކަމަށް ވެސް ބަޔާނުގައި އިތުރަށް ވަނީ ބުނެފައެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާ އަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މިއީ އެކަމަނާ މަޤާމާ ހަވާލުވެ ވަޑައިގެންނެވިފަހުން ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.