މި ސަރުކާރުން ގިނަ ރަށްތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށާއި އޭރުން ޑިޖިޓަލް ހިދުމަތްގެ ފަރަގު ކުޑަވެގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުއްވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޒަރީއާ އިން މުޅި ދުނިޔެ ގުޅިފައިވާއިރު، އެ ޓެކްނޮލޮޖީގެ މަންފާ ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ.
"ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޒަރީއާ އިން މުޅި ދުނިޔެ ގުޅިފައިވާއިރު، އެ ޓެކްނޮލޮޖީގެ މަންފާ ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން މި އަންނަނީ މަސައްކަތްކުރަމުން. މިކަމުގެ ސަބަބުން ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ވީހާ ވެސް ގިނަ ރަށްރަށަށް ފޯރުކޮށްދީ ޑިޖިޓަލް ޚިދުމަތުގެ ފަރަގު މިހާރަށް ވުރެ ވެސް ކުޑަވެގެންދާނެ. އަދި ދައުލަތުގެ މުއައްސސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވި ރައްޔިތުން އުއްމީދުކުރާ ހަލުއިނިގައި ޚިދުމަތް ދެވޭނެ" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ބޭނުންކުރާ އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް، ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތައް ކަމަށްވާ ދިރާގާއި އުރީދޫ އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލުކޮށް، އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ސަރުކާރުން ވަނީ މީގެ ކުރިން މަޝްވަރާ ކޮށްފައެވެ.
ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ވެސް ވަނީ ފަށާފައެވެ. މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެފައިވަނީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި އެފަރާތްތަކުން ތިއްބެވީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.