ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގދ. ގައްދޫ ގޮފި ހުޅުވައިފިއެވެ.
ގުރުއާނާ ބެހޭ ގައްދޫ ގޮފި ހުޅުވާފައި ވަނީ ބުރާސްފަތި ދުވަހު ގައްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އަދި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ އާއި މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އިސްލާމް ދީނުގައި ފައިތިލަ ސާބިތުކުރުންމަތީ ރާއްޖޭގެ ރައްޔިތުން ތިބުން އެއީ ނަސީބު ކަމަށާއި ޤުރުއާނާ ގުޅުން ހުރި މިފަދަ ގޮތްޕެއް ހުޅުވުމުން އޭގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އުއްމީދު ކުރަން މިއަދު ހުޅުވިގެން މިދިޔަ ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފީގެ ބޭނުން ހެޔޮ ގޮތުގައި ކުރާނެ ކަމަށް،" ފައިސަލް ނަސީމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ރާއްްޖޭގައި ޤުރުއާން ކުރިއެރުވުމަށް ނައިބު ރައީސް ގިނަގުނަ މަސައްކަތް ކުރައްވާ ކަމަށެވެ.
އަދި މިއީ ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރި ފަހުން ހުޅުވި ފުރަތަމަ ގޮފި ކަމަށް ވިދާޅުވިއެވެ.
މިއީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ރާއްޖޭގައި ހުޅުވި ހަތަރު ވަނަ ފަހަރެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގައްދޫ ގޮފި ހުޅުވި ކަމުގައި ވިއަސް އެތަނުގައި ކިޔެވުން ފަށާނީ މިމަހުގެ 17 އިން ފެށިގެންނެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެތަނަށް ބޭނުންވާ ޓީޗަރުން ހޯދުމަށް އިއުލާން ކޮށްފައެވެ.