ކ. މާލެ
|
16 ފެބްރުއަރީ 2017 | ބުރާސްފަތި 01:45
ޓީސީ ސްޕޯޓްސް ކްލަބްގެ އޮފިޝަލުން އަދި ކުޅުންތެރިން
ޓީސީ ސްޕޯޓްސް ކްލަބްގެ އޮފިޝަލުން އަދި ކުޅުންތެރިން
ގޫގުލް
ޝައިހް ކަމާލް ކަޕް 2017
ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި
މުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް އެމެރިކާ ޑޮލަރު ދޭ
މުބާރާތުގައި ޓީސީ ހިމެނިފައިވަނީ ގްރޫޕް އޭގަ
މުބާރާތުގައި ކިރިގިސްތާން، ނޭޕާލް އަދި ކޮރެއާ ކްލަބްތައްވެސް ބައިވެރިވޭ

ބަންގްލަދޭޝްގައި އަންނަ ހޮނިހިރު ދުވަހު ފަށާ ޝައިހް ކަމާލް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ބަންގްލަދޭޝްއަށް ފުރައިފި އެވެ.

ޓީސީ ސްޕޯޓްސް ކްލަބް ބަންގްލަދޭޝް އަށް ބުދަ ދުވަހުގެ ރޭ ފުރާފައިވާއިރު، ސްކޮޑުގައި ކުރިޔަށް އޮތް ސީޒަނުގައި އަލަށް އެޓީމާ ގުޅުނު ގިނަ ކުޅުންތެރިން ހިމެނެއެވެ. ޓީސީ ބަންގާޅަށް ފުރީ ރާއްޖޭގައި ފަރިތަކުރުންތަކެއް ގެންދިޔުމަށްފަހު އެވެ.

މުބާރާތަށް ހޯމަ ދުވަހު ނެގި ގުރުވަތުލުމުގައި ޓީސީ ހިމެނިފައިވަނީ ގްރޫޕް އޭގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބާނީ ލިމިޓެޑް އާއި ކިރިގިސްޓާންގެ ޗެމްޕިއަން އަލްގާ އަލްގާ ބިޝްކެކް އެފްސީ އަދި ސައުތް ކޮރިއާގެ ޕޮޗިއޮން ސިޓިޒެން ކްލަބެވެ.

ފީފާ އަދި އޭޝިއަން ފުޓުބްލޯ ކޮންފެޑެރޭޝަން (އޭއެފްސީ) ގައި ރަޖިސްޓްރީކޮށްގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރަކު ބަންގްލަދޭޝްގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ އަފްއާނިސްޓާންގެ ޝާހިން އަސްމީ އާއި ނޭޕާލްގެ މަނަގް މަރްޝައިދް ކްލަބް އާއި ޑާކާ މުހައްމަދިން އަދި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗިޓަގޮން އަބާނީ އެވެ.

މިއީ ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ދެވަނަ މުބާރާތެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު ޗިއްޓަގޮން އަބާނީ މުބާރާތުގެ ތަށި އުފުލާލީ ފައިނަލްގައި އިންޑިޔާގެ އީސްޓް ބެންގާލް ބަލިކޮށްގެންނެވެ.

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަން ޓީމަށް 20 ހާސް އެމެރިކާ ޑޮލަރު ދޭއިރު ރަނައަޕް ޓީމަށް 10 ހާސް ޑޮލަރު ދެއެވެ. އަދި ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް 1000 ޑޮލަރު ދޭއިރު ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދާ ކުޅުންތެރިއަކަށް 500 ޑޮލަރު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް