ރައްޔިތުންގެ މަޖިލިސް 2019 ވަނަ އަހަރަށް ހުޅުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު މިއަދު އިއްވި ރިޔާސީ ބަޔާނުގައި ހިމެނޭ އިންކަމް ޓެކްސް ނެގުމުގެ ސިޔާސަތަށް ލޭބަރ ޕާޓީން ތާއީދުކޮށްފިއެވެ.
ލޭބާރ ޕާޓީން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ޕާޓީގެ އުޞޫލުތަކާ ސިޔާސަތުތަކާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައިވާ ކަމަށާއި، އެކަން ކަމަށް އެޕާޓީގެ ފުރިހަމަ ތާއީދު އެބަ އޮތް ކަމަށެވެ.
އެގޮތުން އާމްދަނީން ޓެކްސް ނަގަން ނިންމައި، މި އަންނަ އަހަރުން ފެށިގެން، ވަކި މިންވަރަކަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އާމްދަނީން ޓެކްސް ނަގަން ނިންމި ނިންމުމަށް ލެބަރ ޕާޓީން ވަނީ މަރުހަބާ ކިޔާފައެވެ.
އެޕާޓީން ބުނީ މި ސިޔާސަތު ތަންފީޒުކުރުމުގައި، އާމްދަނީ އިތުރުވާ މިންވަރުން ޓެކްސްގެ ނިސްބަތް މަތިވާ (ޕްރޮގްރެސިވް އިންކަމް ޓެކްސް) ތަޢާރަފްކުރުމަށާއި، އާމްދަނީ ރިޕޯޓްކުރުމުގެ ނިޒާމު ހަރުދަނާކޮށް، 'ގޮތް ނޭނގޭ' އާމްދަނީ ހާމަކުރުން މަޖުބޫރުކުރުމުގެ ބާރު ތަހުގީގީ އަދި ޝަރުއީ އިދާރާތަކަށް ދިނުމަކީ، ޓެކްސްގެ ނިޒާމު އިންސާފުވެރިކޮށް، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުމަށް ކޮންމެހެން ލާޒިމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ލޭބަރ ޕާޓީން ބުނީ އެންމެ ދަށުން ލިބޭނެ އާމްދަނީ (މިނިމަމް ވޭޖް) ކަނޑައެޅުމަށް ސަރުކާރުން ފަށާފައި ވަނީ މުހިންމު މަސައްކަތެއް ކަމަށާއި، ވަކި ވަކި ސެކްޓާރތަކަށް ކަނޑައަޅާފައިވާ މިނިމަމް ވޭޖު ނިންމުމުގައި، އިންޑަސްޓްރީތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، މަސައްކަތްތެރިންގެ ޖަމިއްޔާތަކާ އިތުރަށް މަޝްވަރާކޮށް، ދިރިއުޅުމުގެ ޚަރަދުތައް ފުއްދޭނެ ފަދަ އާމްދަނީއެއް ކަނޑައެޅުން މުހިންމު ކަމަށެވެ. އަދި، ރާއްޖޭގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، ބިދޭސީން މަދުކުރެވިގެންދާނެ ގޮތަކަށް މިނިމަމް ވޭޖުގެ ސިޔާސަތު ތަންފީޒުކޮށް، އިންތިޒާމުކުރުން މުހިންމު ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ.
ލެބަރ ޕާޓީން ބުނީ އަދުލު އިންސާފުގެ ނިޒާމް ހަރުދަނާކުރުމާއި، ހިޔާވަހިކަމުގެ މަޝްރޫއުތަކާމެދު ރައީސްގެ ބަޔާނުގައި ދެއްވާފައިވާ ޔަގީންކަމަށް އުންމީދު އާވެ، އެކަންކަން ތަންފީޒުކުރުމުގައި އެޕާޓީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.