ޤައިދީންގެ އަސާސީ ހައްޤުތައް ކަށަވަރު ކުރުމަށްޓަކައި އދ. އިން އަމަލުކުރާ "މަންޑޭލާ ރޫލްސް" ގެ މިންގަނޑުތަކަށް ރާއްޖޭގެ ޖަލުތައް އިންތިޒާމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ދަރުބާރުގޭގައި އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، ބަންދުގައި ތިބޭ މީހުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަތުމަކީ ޤަބޫލު ކުރެވޭ ހަމައެއް ނޫން ކަމަށެވެ.
"ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ އަސާސީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ނަގައިލުމަކީ، އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. ޤައިދީންގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމުގެ ގޮތުން، އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި." ރައީސް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ވަނީ ޖަލުތަކުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް، ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަންޖެހޭ އޮޑިޓްތައް ކުރުމަށް ހަތް މެމްބަރުންގެ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި ޖަލުތަކުގެ ޖާގައިގެ ދަތިކަމާއި، ގާނޫނާއި ގަވައިދާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފަށް ޖަލުތަކުގައި މީހުން ގެންގުޅެފައިވާ ކަމަށް އެ ކޮމިޝަނުން ހެދި އޮޑިޓް ރިޕޯރޓުތަކަށް ފަހު ވަނީ ބުނެފައެވެ.
މަންޑޭލާ ރޫލްސްއަކީ ޤައިދީންގެ އިންސާނީ ހައްޤުތައް ހިމާޔަތްކޮށް އިންތިޒާމު ކުރާނެ ގޮތާއި، ޤައިދީންނާ މެދު އަމަލުކުރަންޖެހޭ މިންގަނޑު ބަޔާންކޮށްފައިވާ އުސޫލުތަކެކެވެ. އެގޮތުން ޖިނާއީ އަދުލުގެ ނިޒާމުގައި ޤައިދީންނަށް ލިބެން ޖެހޭ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ 122 އުސޫލެއް މަންޑޭލާ ރޫލްސްގައި ބަޔާންކޮށްފައި ވެއެވެ. އެ އުސޫލުތައް ނިސްބަތްކޮށްފައި ވަނީ 27 އަހަރު ވަންދެން ޖަލުގައި ޤައިދީއެއްގެ ގޮތުގައި ހޭދަކުރެއްވި ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާއަށެވެ.