އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން "އެލްޑަރލީ ހޯމްއެއް" ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުއްވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ޢުމުރުން ދުވަސްވެ، އަޅައިލާނެ ފަރާތެއްނެތި އެކަނި ދިރިއުޅެމުން އަންނަ މީހުންނަށް، ދައުލަތުގެ ފަރާތުން ހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ދައުލަތުން "އެލްޑަރލީ ހޯމްއެއް" ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން އެލްޑަރލީ ހޯމެއް ދައުލަތުން ހަމަޖައްސަވައިދެއްވާ މިއީ ފުރަތަމަ ފަހަރެވެ.
ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން ބުރާސްފަތިދުވަހު އިއްވަވާފައިވާއިރު، އެ މަނިކުފާނުގެ ސަރުކާރުން އުމްރާނީ ގޮތުންނާއި އިތްސާދީ ގޮތުން ކުރައްވާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.