ރާއްޖޭގެ ތާރީޚްގައި ވެސް ތައުލީމަށް އެންމެ ބޮޑު ހޭދައެއް ކުރަނީ މި ސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ތާރީޚްގައި ވެސް ތައުލީމަށް އެންމެ ބޮޑު ހޭދައެއް ކުރަނީ މި ސަރުކާރުން ކަމަށާއި އެއީ 3.4 ބިލިއަން ރުފިޔާ ކަމަށެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ކަންކަން މި ހިނގާ ފެބުރުއަރީ މަހު ހަމަޖެހިގެން ދާނެ ކަމަށާއި ކިޔަވާ ދަރިވަރުންނަށް ދޫކުރާ މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް ޜޭޓް 3 އިންސައްތަ އަށް ކުޑަކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލޯނު ދައްކަން ޖެހޭ މުއްދަތު 25 އިންސައްތަ އަށް ކުޑަވެގެން ދާއިރު ކޮންމެ ދަރިވަރަކު ލޯނަށް ދައްކަންޖެހޭ މިންވަރުން 4000 ރުފިޔާ ކުޑަވެގެން ދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރާއްޖޭން ބޭރުން މަތީތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް ސާކު ގައުމުތަކުގެ އިތުރުން ތައިލޭންޑް ޗައިނާ އަދި ފިލިޕީންސް ފަދަ ގައުމުތަކުން ކިޔެވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ނާސްތާ ޕްރޮގްރާމް 25 ސްކޫލުގައި މިއަހަރު ފެށިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ނާސްތާ ޕްރޮގްރާމް ނުފެށިވާ 213 ސްކޫލުގައި ދެވަނަ ޓާރމްގެ ކިޔެވުން ފެށިގެންދާއިރު އެ ޕްރޮގްރާމް ފަށާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ 7627 ދިވެހި ޓީޗަރުން މިއަހަރު ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެމުންދާނެ ކަމަށެވެ. އަދި ގައުމީ ޔުނިވާރސީޓީން 600 ޓީޗަރުން މިއަހަރުގެ ނިޔަލަށް ދަސްވެނިވެގެން ނުކުންނާނެ ކަމަށެވެ.