ސިޔާސީ މަގުސަދެއްގައި މިދިޔަ ދައުރުގެ ތެރޭގައި ވަކި ބަޔަކަށް އަމާޒުކޮށް ބަދަލު ކޮށްފައިވާ 11 ގާނޫނެއް ދިރާސާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުއްވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ވަކި ބަޔަކަށް އަމާޒުކޮށް ބަދަލު ކޮށްފައިވާ 11 ގާނޫނެއް ދިރާސާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް 14 ބިލެއް ހުށަހަޅައިފައިވާ ކަމަށެވެ. އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި 10 ބިލެއް މިހާރު ތަސްދީގު ކުރައްވައިފި ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ ގާނޫނީ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިވަގުތަށް އެންމެ ބޭނުންތެރި ގާނޫނުތަކުގެ ދެލިކޮޕީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމާއި ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ގާނޫނުލް އުގޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް މިހާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
"ސަރުކާރުން މި ބިލް އެކުލަވާލާފައި ވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން، އެ ކުށްކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށް. ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނެ. މި ސަރުކާރުގައި ކޮރަޮޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސްކަން މި އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ޔަގީންކަން އަރުވަން." ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ކުޑަކުދިންގެ އަދުލްގެ ބިލެއް މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ކައުންސިލްތައް ބާރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން، ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށްޓަކައި އާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ މިހާރު ހޯދާފައިވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ މަނިކުފާނު އަބަދު ވެސް ގަބޫލްކުރަނީ ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި،ގާނޫނުއަސާސީ އާއި ގާނޫނުގައި ވެރިކަމުގެ ނިޒާމު، ލާމަރުކަޒީ ކޮށްފައި އޮތަސް، އެ ނިޒާމުގެ ލަގަން އޮތީ ސަރުކާރުގެ މުށުތެރެއަށް ލައި ފޮރުވާފައި ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.
"މަޖިލީހުގައި މިހާރު ހުރި މުހިންމު ބިލުތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ މީހުން ރައްކައުތެރިކުރުމުގެ ބިލާއި ދިވެހިރާއްޖޭގެ ގާނޫނީ ޚިދުމަތުގެ ބިލު ހިމެނޭ. އަދި ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމުގެ ބިލު ވެސް ވީހާ އަވަހަކަށް ނިންމަވައި ދެއްވުމަށް އަޅުގަނޑު އެދެން." ރައީސް ސޯލިހު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ހިފަހައްޓާފައި ހުރި ކައުންސިލްތަކުގެ ގިނަ ބާރުތައް މިހާރު ކައުންސިލްތަކަށް ދީފައިވާކަން ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ. ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، ކައުންސިލްތަކަށް އިތުރު ބާރާއި އިހްތިޔާރުތައް ލިބޭއިރު، މާލީ ބާރުވެރިކަމާއި މާލީ ފުދުންތެރިކަން ވެސް ލާމަރުކަޒީ ކުރެވިގެންދާނެ ކަމަށާއި، އެއާއެކު ރަށު ތަރައްގީގައި އަންހެނުންނަށް ވެސް ހަމަހަމަ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ވެސް ތަހުޒީބީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އޮންނަ ފަދަ ލުއިފަސޭހަ ހަރުދަނާ އުސޫލަކަށް ބަދަލުކުރުމަށްޓަކައި މަދަނީ އިޖުރާއަތުގެ ބިލެއް އެކުލަވާލައި މި އަހަރުތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށާއި، މިނިވަން މުއައްސަސާތަކުގެ ގާނޫތައް މުރާޖައާކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިންމައި ގާނޫނުތައް އިސްލާހުކުރުމުގެ ބިލްތައް މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ކުރާއިރު، ދައުލަތުގެ ކަންކަން ހަމަމަގަށް އަޅުވައި ދިނުމުގައި އެންމެ މުހިންމު ބައިވެރިޔަކީ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތައް ކަމަށާއި، ގައުމުގެ އިޖުތިމާއީ އޮނިގަނޑު ހަރުދަނާކޮށް ރައޔްިތުންގެ ވިސްނުމާއި އެއްގޮތަށް ދައުލަތް ހިންގުމަށްޓަކައި އެފަދަ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ބައިވެރިވުން އިތުރުކޮށް މަދަނީ ޖަމިއްޔާތަކުގެ ބިލް އެކުލަވާލައި މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި އަހަރު މަޖިލީހަށް ހުށަހަޅާ ބިލްތައް:
- އިންކަމް ޓެކްސް ބިލް
- ކުޑަކުދީންގެ ޢަދުލުގެ ބިލް
- މަދަނީ އިޖުރާއަތުގެ ބިލް
- މަދަނީ ޖަމުޢިއްޔާތަކުގެ ބިލް
- މެންޓަލް ހެލްތު ބިލް
- ރާއްޖޭގެ ސަގާފީ ތަރިކައަށް ޤާނޫނުގެ ރައްކާތެރިކަން ހޯދައިދިނުމުގެ ބިލް
- މިނިވަން މުއައްސަސާތަކުގެ ގާނޫނުތައް އިސްލާހު ގެނައުމުގެ ބިލްތައް
- ލާމަރުކަޒީ ޤާނޫނު އިޞްލާޙު ގެނައުމުގެ ބިލް
- ޓެނެންސީ ބިލް
- ކޮންޑޮމީނިއަމް ބިލް