ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިއޮތް ބޮޑު ގޮންޖެހުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ނުވެ އޮތުން ކަމަށާއި ސަރުކާރުގެ އަމާޒު ހިފާފައި ހުރީ ޓޫރިޒަމް ދާއިރާ ތަރައްގީކޮށް އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު 2.5 މިލިއަން އަށް އިތުރުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހް ދެއްވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ މުޅި އިގްތިސޯދުގެ 70 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށާއި، މިދިޔަ އަހަރު ނިމުނުއިރު ތަފާތު މަންޒިލްތަކުން ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ކަމަށެވެ.
މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގައި ހުރީ 145 ރިސޯޓާއި 521 ގެސްޓް ހައުސް ކަމަށާއި އެ ތަންތަނުގައި 44،860 އެނދު ހުރި ކަމަށް ވިދާޅުވިއެވެ. މި އަހަރު ތެރޭގައި އަލަށް ހުޅުވާ 20 ރިސޯޓާއެކު ޓޫރިސްޓް އެނދުގެ އަދަދު 47،000 އަށްވުރެ އިތުރުވެގެން ދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
"އެ ރިސޯޓްތަކުގެ ޚިދުމަތް ފެށިގެންދާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 1.5 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނައުން. ދުނިޔޭގެ އިތުރު މާކެޓްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، 2.5 ބިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް އަޅުގަނޑުމެން މި ވަނީ އަމާޒު ހިފާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި އަމާޒަށް މަސައްކަތް ކުރާއިރު، ރާއްޖެ އިސްތިހާރު ކުރުމަށް މި އަހަރުގެ ބަޖެޓްގައި ހިމެނި ފައިސާ ނިމިގެން ދިޔަ އަހަރަށް ވުރެ ތިން ގުނަ ވަނީ އިތުރުކޮށްފަ އެވެ.
ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކީ ވެސް ހާއްސަ ސިފަތަކެއް ލބިގެންވާ ނާދިރު އަތޮޅެކެވެ. އެކަންކަމަށް ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރުކޮށް ރާއްޖޭގެ އެކި ސަރަހައްދުތައް ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި ތަރައްގީކޮށް މާކެޓްކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އޭރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ދިރުމެއް ލިބޭނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދުގެ ރޫފަ ހެޔޮކުރުމަށާއި ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފެންވަރު މަތިކޮށް ޖާގަ ތަނަވަސްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަން ފާހަގަ ކުރައްވައި، ރައީސް ސޯލިހް ވިދާޅުވީ "މިހާރު އެ އެއާޕޯޓް ބޭނުންކުރާ ފަތުރިވެރިންނާއި ދަތުރުވެރިންގެ އަދަދު ވަނީ އެތަނުގެ ޖާގައަށް ވުރެ ދެގުނަ އިތުރުވެފައި" ކަމަށެވެ.
"ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮންމެ އަހަރު އެތައް ރިސޯޓަކާއި އެތައް ގެސްޓްހައުސްއެއް އިތުރުވަމުން އަންނައިރު، ފަތުރުވެރިކަން ކުރިއަރަމުން އަންނަ މިންވަރަށް އެއާޕޯޓްގެ ޚިދުމަތްތައް ތަރައްގީނުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެއާޕޯޓްގެ އައު ރަންވޭގެ ހުރިހާ މަސައްކަތެއް ނިމިފައިވިޔަސް، އައު ޓާމިނަލް ހަދައިގެން ނޫނީ އެ ރަންވޭގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފެން ނެތް ކަމަށާއި އެހެންކަމުން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
އެއާޕޯޓްގެ ތަރައްގީއާއެކުއެކީގައި ރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުގެ ވެސް ކެޕޭސިޓީ އިތުރުކޮށް ޚިދުމަތް ރަނގަޅު ކުރަން ޖެހިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ކަމަކަށްހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، މާލޭ ކޮމާޝަލް ހާބަރަށް ދިމާވެފައިވާ ތޮއްޖެހުންތަކުގެ ސަބަބުން ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ރައީސް ސޯލިހް ވިދަޅުވި އެވެ.
"މިކަމަށް ހައްލެއް ހޯދުމަށްޓަކައި ގުދަންކުރުމާއި ލޮޖިސްޓްިކް ޚިދުމަތްތައް ހިމެނޭ ގޮތަށް ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިޔާ މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ. މި ބަދަލުތައް އައުމުން މާލޭގައި ހުރި ގުދަންތަކާއި ސިނާއީ މަސައްކަތްތަތއް ކުރާ ގިނަ ތަންތަން މާލެއިން ބޭރުވެ މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.