ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ބުނެފިއެވެ .
މަހާސިންތާއާއި ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން ލޯކަލް ގަވަރމެންޓް އޮޓޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަރ ޖެނެރަލް ޝައްމޫން އާދަމް ވިދާޅުވީ ކައުންސިލްތަކުގެ ގައުމީ މަހާސިންތާގައި މަޝްވަރާ ކުރެވިގެންދާނީ މައިގަނޑު ތިން ދާއިރާއެއްގެ މައްޗަށް ކަމަށެވެ.
ކައުންސިލް ތަކުން ދެމުން ގެންދާ ރަށްވެހި ޚިދުމަތްތައް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އަދި އޭގެ ހައްލު ތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާ ކުރާނެ ގޮތްތަކާއި ބެހޭގޮތުންނާއި އަދި މުހިންމު ކަމެއްގެ ގޮތުގައި ލާމަރުކަޒީގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާއި ބެހޭގޮތުން ވެސް މަޝްވަރާކުރެވިގެންދާނެ ކަމަށް ޝައްމޫނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ޝައްމޫން ވިދާޅުވީ މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއްވައުދަކީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން ފެންނަ އިސްލާހުތައް ދެނެގަނެ އެ އިސްލާހުތަށް 100 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުން ކަމަށްވާއިރު ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން މައުލޫމާތު ތަކެއް އެއްކުރެވި އަދި މި ކަމާ ގުޅޭ ސާރވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެހެންކަމުން މިހުރިހާ ކަމެއްގެ މައްޗަށް އެކުލަވާލެވިފައިވާ ޑްރާފްޓެއް ކައުންސިލްތަކަށް ހިއްސާކޮށް ކައުންސިލްތަކުގެ ޚިޔާލާއި މަޝްވަރާހޯދުން، ކުރިއަށްދާ މަހާސިންތާގެ ބޮޑުބައެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގައުމީ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީމަހުގެ 10 ވަނަ ދުވަހު ހެނދުނު 08:30 އިން ހަވީރު 05:30 އަށް ހޮޓެލް ޖެންގައެވެ. ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ޖުމްލަ 59 ފަރާތަކުން ބައިވެރިވާނެ ކަމަށް އެލްޖޭއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ޕެނަލިސްޓުންގެ ގޮތުގައި ކަމާ ގުޅުންހުރި އިދާރާތަކުން ބައިވެރިވާއިރު މި މަހާސިންތާ ކުރިއަށް ގެންދަނީ ޔޫއެންޑީޕީގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކު ކަމަށް ވެސް އެލްޖީއޭއިން މައުލޫމާތު ދެއެވެ.