އިތުރު ތިން ޤައުމެއްގައި ދިވެހި އެމްބަސީތައް ހުޅުއްވައި، ވިލާތުގެ ގައުމުތަކުން ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުއްވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ލާމެހިފައިވާ ކުޑަކުޑަ މުޖުތަމައަަކަށް މުޅި ދުނިޔެ ބަދަލުވެފައިވާއިރު، ވީހާ ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމުކަމެއް ކަމަށެވެ. އެގޮތުން ދެކުނު އެފްރިކާގަ އާއި އެމެރިކާގެ ވޮޝިންޓަން އަދި ރަޝިއާގައި ދިވެހި އެމްބަސީއެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ގާއުމުކުރުމަށް ވަނީ ހަމަޖެހިފަކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
މި ވެރިކަން ފެށުނުއިރު ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައިކަން ފާހަގަކޮށް ރައީސް ވިދާޅުވީ މަގާމާ ހަވާލުވުމަށް ފަހު ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ގެނައި ބަދަލާއެކު ރާއްޖެއަށް މިހާރު ވަނީ ބައނަލްއަގުވާމީ އާއިލާގެ ލޯތްބާއި ރަހްމަތްތެރިކަން އަނބުރާ ލިބިފައިކަމަށެވެ. އަދި އިގްތިސޯދާއި ތައުލީމީ ކުރިއެރުމުގައި ގިނަ އެހީތަކެއް ދެމުން އަންނަ ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ދިވެހި ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މިހާރު ވާނީ އެ ޖަމާއަތަށް ހުށަހަޅާފައިކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހެން ބައިވެރިންނާއެކު ވެސް ހީނަރުވެފައިވާ ގުޅުންތައް އަލުން އާލާކޮށް ބަދަހިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވަކިން ހާއްސަކޮށް، ކިޔަވާކުދިންނަށް ކޮންސިއުލާ ޚިދުމަތްތައް މި އަހަރުތެރޭގައި އިތުރަށް ފުޅާވެގެންދާނެކަމަށެވެ. އަދި ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އެއްބަސްވުންތަކުގައި ސޮއިކޮށް ވިލާތުގެ ގައުމުތަކުން ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަސް ރައީސް ވިދާޅުވި އެވެ.