ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ކުރައްވާފައިވާ އިއުލާނުގައި ބުނެފައި ވަނީ ހުޅުމާލޭގައި 24000 - 25000 އަކަފޫޓުގެ އޮފީސް ޢިމާރާތެއް ޑިޒައިންކޮށް އަރކިޓެކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މި މަސައްކަތަށް ބީލަން ހުށައެޅުމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ފެބުރުވަރީ 11 ވާ ހޯމަ ދުވަހުގެ 10:00 އަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭކަމަށް ވެސް އެމިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
ބީލަން ހުޅުވުން އޮންނާނީ 2019 ފެބުރުވަރީ 18 ވާ ހޯމަ ދުވަހު ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
ޕްލޭނިންގް މިނިސްޓްރީން ވަނީ ހުޅުމާލޭގައި އަޅަން ބޭނުންވާ އޮފީސް އިމާރާތުގެ ޑިޒައިން ކޮށްދެއްވާނެ ފަރާތެއް ހޯދުމަށްވެސް އިއުލާން ކޮށްފައެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ އޮފީސް އިމާރާތް އެޗްޑީސީގެ ޚަރަދުގައި އެޅުމަށް ފަހު އިމާރާތުގެ ކުލީގެ ގޮތުގައި ސަރުކާރުން އެޗްޑީސީއަށް ފައިސާ ދައްކާ ގޮތަށެވެ