ރާއްޖޭގައި ފަތުރުވެރިން ގެނެސް ބައިތިއްބާ ތަންތަނަކީ ގާނޫނާއި ގަވާއިދަށް ފެތޭ ތަންތަންތޯ ބެލުމަށް ބުރާސްފަތި ދުވަހު ބަލާ ފާސް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލާ ފާސް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ މިމަސައްކަތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ސަލާމަތީ ކަންތައްތައް ރަނގަޅަށް ބެލެހެއްޓުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މަޓީއާ، ސިފައިން އަދި ފުލުހުންނާއި ގުޅިގެން ވޯކިން ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބަލާފާސްކުރުމުގެ ތެރެއިން ބަލާނެ ކަންކަމަކީ މުއައްޒަފުންނާއި، އެތަނެއްގައި އުޅޭ ބައެއްގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަޅާފައި ހުރިތޯއާ، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ފަދަ ކަންކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބަލާފާސް ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިން ތިބޭ ތަންތަނުގެ ހާލަތުތައް ދެނެގަނެ، ރަނގަޅު ފިޔަވަޅުތަކެއް އެޅިގެންދިއުން ކަމަށެވެ.
ފަތުރުވެރިން ގެނެސް ބައިތިއްބާ ތަންތަނަކީ ގާނޫނާއި ގަވާއިދަށް ފެތޭ ތަންތަންތޯ ބެލުމުގެ މަސައްކަތް ފަށާއިރު، ރިސޯޓުތަކުގައި ފަތުރުވެރިން މަރުވާ މިންވަރު މިވަނީ އިތުރުވެފައެވެ.