ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވައިފިއެވެ.
ބުދަ ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަނީ ލޯންޑަރ ކުރުމާއި، ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްދެއްވުމަށް އެދިފައިވާއިރު، އެ މައްސަލައިގައި އާޒިމާގެ މައްޗަށް ދައުވާކުރަން ނިންމާފައިވަނީ މަނީ ލޯންޑަރ ކުރުމުގައި ޔާމީނާއި ބައިވެރިވެ އެހީތެރިކަން ދެއްވުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީ އޮޅުވާލާފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
އޭގެ އިތުރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުރި އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި، އެފައިސާ ލޯންޑަރކޮށް އަދި އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުޤީޤާ ގުޅިގެން ހިންގާފައިވާ މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތު ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި، އެފައިސާ އަނބުރާ ދައުލަތަށް ހަވާލުކުރަން އެންގެވުމުން އެކަން ނުކުރައްވައި އެ ފައިސާ އެމަނިކުފާނުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ދައުރުކޮށް އެއިން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ފުލުުހުން މިހެން ބުނެފައިވާއިރު، އެމްއެމްޕީއާރުސީގެ ފައިސާ ވެއްދި އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް 2015 ވަނަ އަހަރު ދެ ބުރަކަށް ޖަމާކުރި 1 މިލިއަން ޑޮލަރު އަނބުރާ ދިނުމުގެ ބަދަލުގައި، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެކްސްކްރޯ އެކައުންޓަކަށް ޖަމާކުރީ އިސްލާމިކް ބޭންކުގެ އެކައުންޓްގައި ހުރި ފައިސާ ނޫން ކަން ވަނީ އެނގިފަ އެވެ.
ރައީސް ޔާމީންގެ އެކައުންޓްގައި ހުރީ ގާނޫނާ ހިލާފަށް ހޯދި ފައިސާއެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ.
މަނީ ލޯންޑަކުރުމުގެ ދައުވާކުރަން ފުލުހުން ފޮނުވިއިރު، އިސްލާމިކް ބޭންކާއި ބީއެމްއެލްގައި ހުޅުވާފައިވާ އެ މަނިކުފާނުގެ ދެ އެކައުންޓަގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފްރީޒްކޮށްފަ އެވެ. އެއީ ވެސް ސައްހަ ފައިސާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގީ، އެ ކުންފުނިން ރައްތަށް ވިއްކޭ ގޮތަށް ގޮތަށް މެންޑޭޑް ބަދަލުކޮށްފައިވަނިކޮށެވެ. ރަށްތަކާއި ފަޅުތައް ވިއްކައިންގެ ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ފަޅައިއެރީ އޮޑިޓަ ޖެނެރަލް ނެރުނު ރިޕޯޓުންނެވެ.
ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ތެލުގެ ވަގު ވިޔަފާރީގެ ތުހްމަތު ވެސް ކުރެވުނެވެ. ދިވެހި ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގްރާންޑް ތޯންޓަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ތަހްގީގުން 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ފެންމަތިވި އެެވެ. ނަމަވެސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު އެ ތަހްގީގު ހުއްޓާލުމަށް ސަރުކާރުން އަންގައި، ގްރާންޑް ތޯންޓަންއަށް 10 މިލިއަން ޑޮލަރު ދިނެވެ.