ހުޅަނގު އައްސޭރީގައި ހުރި ފަލަސްތީނު ރައްޔިތުންގެ ގެދޮރު އެހެން ތަނަކަށް ބަދަލުކޮށް އަދި އެ ތަންތަން ތަޅާލެވިދާނެކަމަށް އޮތް ނިންމުން ސައްހަ ކަމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ހައްގުތަކަށް މަސައްކަތްކުރާ އިސްރާއީލުގެ ޖަމާއަތެއް ކަމަށްވާ ބިތްސަލެމްއިން ބުދަ ދުވަހު ނެރުނު ރިޕޯޓެެއްގައިވާ ގޮތުން އިސްރާއީލުގެ ސުޕްރީމް ކޯޓުން ވަނީ އިސްރާއީލުް ސަރުކާރުން ގާނޫނުތަކާ ޚިލާފަށް ހުޅަނގު އައްސޭރީގައި ތަންފީޒުކުރަން މަސައްކަތްކުރާ ސިޔާސަތު ސައްޙަ ކަމަށް ކަނޑައަޅައިދީފައެވެ.
"ފޭކް ޖަސްޓިސް" ގެ ނަމުުގައި ޝާއިޢުކޮށްފައިވާ މި ރިޕޯޓުގައި، ފަލަސްތީނުގެ ރައްޔިތުން އާބާދުވުން މަދުކޮށް ޤާނޫނާ ޚިލާފަށް ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދުކުރުމަށް ބާރުއަޅާފައިވާ މިންވަރު ތަފްސީލްކޮށްދީފައިވެއެވެ.
އެއްވެސް ގޮތަކުން ހުއްދަ ނުލިބުމުން ފަލަސްތީނުގެ ރައްޔިތުންނަށް ހުއްދަ ނުހޯދައި އިމާރާތް ކުރަން މަޖުބޫރުވާ ކަމަށާއި އެހިސާބުން އެ އިމާރާތެއް އެހުރީ ހުއްދަނެތިކޮށްފައިވާ އިމާރާތެއް ކަމަށް ނިންމައި އިސްރާއީލުން އެތަންތަން ސުންނާފަތިކުރާ ކަމަށް ރިޕޯޓުގައިވެއެވެ.
މި ރިޕޯޓް ބިނާވެގެންވަނީ ހުޅަނގު އައްސޭރީގައި ހުންނަ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ސުންނާފަތިކުރުމާބެހޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު އެތައް ސަތޭކަ މައްސަލައަކާއި ހުކުމްތަކެއް ދިރާސާ ކުރުމަށްފަހުއެވެ.
ބިތްސަލެމްގެ ރިޕޯޓްގައިވާގޮތުން މިއިން އެއްވެސް މައްސަލައެއް ބެލުމުގައި ފަލަސްތީނުން އެކަމާ ދެކޮޅަށް ހުށަހެޅި އެއްވެސް ހުށަހެޅުމެއް ބަލައިގެންފައެއްނުވެއެެވެ.
ބިތްސަލެމްގެ ހިސާބުތައް ބުނާގޮތުން 2006ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އިސްރާއީލުން ހުޅަނގު އައްސޭރިން އެކަނި ފަލަސްތީނުގެ 1،401 ގެ ތަޅާލައި 6،000 މީހުން ގެދޮރު ނެތް މީހުންނަށް ހަދާލިއެވެ.