ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީއެކު ކުރިއަށް ދިއުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށާއި، އެކަމުގައި ވަކިގޮތެއް އަދި ނުނިންމާކަމަށް އެމްޑީޕީން ބުނެފި އެވެ.
އަދާލަތު ޕާޓީން، އެމްޑީޕީއާއެކު އިންތިހާބުގައި ކުރިއަށްދާން ހުށަހަޅާފައިވާއިރު، އެ ޕާޓީން އެދިފައިވަނީ ފަސް ދާއިރާއެއް ޕާޓީއަށް ދިނުމަށެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ވިސްނުމަކީ ވެސް އަދާލަތާއެކު، އިންތިހާބުގައި ކުރިއަށް ދިޔުމެވެ. ނަމަވެސް އަދާލަތުން އެދިފައިވާ ދާއިރާތަކުގެ އެމްޑީޕީ ޓިކެޓް ލިބިފައިވާ ކެނޑިޑޭޓުން ވަނީ ޓިކެޓް ދޫކޮށްލުމަށް ދެކޮޅު ހަދާފަ އެވެ.
އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރާ 86 ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބުގައި އެމްޑިޕީގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަފްޝަން ލަތީފް ވިދާޅުވީ އަދާލަތާއެކު ކުރިއަށް ދިއުމާ ގުޅެގޮތުން ޤައުމީ މަޖިލީހުގައި ވެސް، އަދި އޭގެފަހުން ބޭއްވި ބައްދަލުވުންތަކުގައި ވެސް ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
އަފްޝަން ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ މަޖިލީހުގެ ގިނަ ގޮނޑި ހޯދައި، ރަނގަޅު މެޖޯރިޓީއެއް ހޯދުން ކަމަށެވެ. އަދި އެ މަޤްސަދު ހާސިލް ކުރުމަށް ސިޔާސީގޮތުން އެކުގައި މަސައްކަތް ކުރަން ތިބި މީހުންނާއެކު ކުރިއަށް ދިއުމުގެ ވިސްނުން ޕާޓީން ގެންގުޅޭ ކަމަށް އަފްޝަން ވިދާޅުވި އެވެ.
އަފްޝަން ވިދާޅުވީ އަދާލަތުން އެދިފައިވާ ދާއިރާތަކުގެ ޓިކެޓް ލިބިފައިވާ ކެނޑިޑޭޓުންނާއި ޕާޓީގެ ލީޑަރޝިޕްއިން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާގައި ވެސް އަދި ގޮތެއް ނިންމާފައިނުވާ ކަމަށާއި، އެކަމުގައި ޕާޓީގެ ލީޑަރޝިޕުން މައުލޫމަތު ހިއްސާނުކުރަނީސް އެއްޗެއް ހާމަނުކުރެވޭނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.
އަދާލަތު ޕާޓީން އެދިފައިވާ ފަސް ދާއިރާއަކީ ނިލަންދޫ ދާއިރާ، ވައިކަރަދޫ ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ އަދި މަކުނުދޫ ދާއިރާއެވެ. އޭގެތެރެއިން ނިލަންދޫ ދާއިރާއަށް އެމްޑީޕީން ވާދައެއް ނުކުރެއެވެ.