ޖަރުމަނުގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ޖާމެނިޔާ އެއާލައިން ބަގުރޫޓްވެ ހުރިހާ ފްލައިޓްތަކެއް ވަގުތުން ކެންސަލް ކޮށްފިއެވެ.
ބާލިންނަށް ނިސްބަތްވާ މި އެއާލައިނަކީ ޔޫރަޕްގެ އެކި ގައުމުތަކަށާއި އެފްރިކާ އަދި މެދު އިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ އަހަރެއްގެ މަށްޗަށް ހަތަރު މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދޭ އެއާލައިނެކެވެ.
މި އެއާލައިން ބަގުރޫޓްވުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ ތެލުގެ އަގަށް އައި ބަދަލްތަކާ އަދި ފައިސާގެ އަގަށް އައި ބަދަލު ތަކެވެ.
ޖާމެނިޔާގެ މެނޭޖިން ޑައިރެކްޓަރ ކާސްޓެން ބްލޭކް ވިދާޅުވެފައިވަނީ ކުންފުނީގެ މާލީ ހާލަތު ދައްވެ ޚިދުމަތް ދިނުން ހުއްޓާލަން ޖެހޭތީ ހިތާމަ ކުރާކަމަށާއި ކުންފުނި ބަންދު ކުރުން ނޫން އެހެން ގޮތެއްނެތް ކަމަށެވެ.
އެކުންފުނިން ބުނެފައިވަނީ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ޓިކްޓްތަށް ބުކްކޮށްފައިވާ މީހުން އެފަރާތްތަކާއި ގުޅައިގެން އެކަންތަށް ހަމަޖެއްސުމަށާއި ޑައިރެކްޓްކޮށް އެއާލައިން މެދުވެރިކޮށް ޓިކްޓް ނަގާފައިވާ މީހުންނަށް އޭގެ ބަދަލު ދެވެން ނެތް ކަމަށެވެ.
މީ 2017 ވަނަ އަހަރު ޖާރމަނީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން އެއާ ބާލިން ހުއްޓާލިފަހުން ޖާރމަނީގެ އެއާލައިނަކަށް ލިބުނު އެންމެ ބޮޑު ހީނަރުކަމެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރަޔަން އެއާރއަށް 2014 ވަނަ އަހަރުގެ މާޗް މަހަށްފަހު ފުރަތަމަ ފަހަރަށް ގެއްލުން ވެފައިވާކަމަށް އެމީހުން ޝާއިރުކޮށް ފައިވާ ތަފާސް ހިސާބުތަކުން ދައްކާފާއެވެ.
އެގޮތުން ގެއްލުން ވެފައިވަނީ 2018 ގެ އެންމެ ފަހު ތިންމަހުއެވެ.
ފަހަކަށް އައިސް ބަޖެޓް އެއާލައިންތަކުން ދަނީ ބޮޑަތި ގެއްލުންތަކާއި ކުރިމަތި ލަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ނޯވިއަން އެއާލައިން ގެ މާލީ ހާލަތު ދަށްކަމަށް އިއުލާން ކޮށްފައި ވާއިރު އެހެނިހެން ބަޖެޓް އެއާލައިން ތަކުގެ ތޭރެގައި ހިމެނޭ "ވާއޯ" އަދި "ވައިބީ" ވަނީ ވިއްކާލާނެ ކަމަށް އިއުލާން ކޮށްފައެވެ.