މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުން މާދަމާ ހެނދުނު އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން ބުނީ، އިލެކްޝަން ކޮމިޝަނަށް ފޯމް ހުށައެޅުމުގެ ރަސްމިއްޔާތު ފަށާނީ ހެނދުނު 09:30 ގައި ކަމަށެވެ. އަދި ފޯމްތައް ހުށަހެޅުމަށް ކެނޑިޑޭޓުން ދިއުމަށް ހަމަޖެހިފައިވަނީ ހިނގައިފަ އެވެ.
މި ހިނގާލުމުގެ އެންމެ ކުރީ ސަފުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ތިއްބަވާއިރު އޭގެ ފަހަތުގައި ތިއްބަވާނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ މެމްބަރުންނެވެ. އެއަށްފަހު ހުރިހާ ދާއިރާއެއްގެ ކެންޑިޑޭޓުން ތިބެނޭ ކަމަށް އެމްޑީޕީން މައުލޫމަތުދެއެވެ.
މި ހުރިހާ ބޭފުޅުންގެ ފޯމް ހުށައެޅުން އޮންނާނީ ބާޖަމަލުއްދީން ހޯލްގައެވެ. ކެންޑިޑޭޓުންގެ ފޯމްތަކާއި ހަވާލުވާނީ އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު މުސްތަފާއެވެ.
ފޯމްތައް ހުށަހެޅުމަށް ބާއްވަ މި ރަސްމިއްޔާތުގައި ޕާޓީގެ މެމްބަރުން ބައިވެރިވުމަށް ވަނީ ދައުވަތުދީފަ އެވެ.
އޭޕްރީލް 6 ގައި ބާއްވާ މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާ ފިޔަވައި އެހެންހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރެއެވެ. ނަމަވެސް އަންގާރަ ދުވަހު އެމްޑީޕީ ގައުމީ މަޖިލީހުން ވަނީ އަދާލަތު ޕާޓީ އަށް ފަސް ގޮނޑި ދިނުމާއި ބެހޭ ގޮތުން މަޝްވަރާތަކެއް ކޮށްފައެވެ. އެ ފަސް ދާއިރާގެ ޕްރައިމަރީ ކާމިޔަބު ކުރެއްވި ފަރާތްތަކާއި އެކު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގާރަ ދުވަހުގެރޭ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުން ނިމިގެން ދިޔައީ ވަކި ގޮތެއް ނުނިމިއެވެ. އެހެން ނަމަވެސް ގިނަ ފަރާތްތަކުން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.