ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހާ އެކު ރާޖަޕަކްސަ މަޝްވަރާކުރެއްވީ މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުންނެވެ. މި ބައްދަލުވުމުގައި ރައީސް ސޯލިހުގެ އިތުރުން، ލަންކާއަށް ވަޑައިގެންނެވި ދިވެހި ވަފުދުގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވިއެވެ. އަދި ރާޖަޕަކްސް ނިސްބަތްވާ ސްރީލަންކާ ޕީޕަލްސް ފްރަންޓްގެ މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ސޯލިހުއާއި އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ރާޖަޕަކްސަ ވަނީ، އެ މަނިކުފާނުގެ ޒަމާންވީ ރައްޓިއްސެއްގެ ގޮތުގައި ރައީސް ސޯލިހު ސިފަކުރެއްވުމަށް ފަހު، ބައްދަލުކުރެއްވުނީތީ އުފާ ފާޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
Such a pleasure to have met with my long time friend President @ibusolih. Discussed the future of Maldivian and Sri Lankan ties and how to further strengthen the relationship, particularly given that Sri Lanka hosts the 3rd largest Maldivian population outside of the country. pic.twitter.com/ZEfguqhoUZ
— Mahinda Rajapaksa (@PresRajapaksa) February 5, 2019
ލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަށް ޝަރަފުވެރިކޮށްދެއްވުމަށް ފަހު، ރައީސް ސޯލިހު އަނބުރާ މާލެއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.