މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ މައިގަނޑު މަގްސަދަކީ އެ މަނިކުފާނު ހައްޔަރު ކުރަން ކަން ސާފުވެގެން ހިނގައްޖެ ކަމަށާއި ކަމަށާއި އެކަން ކުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެއް އަހަރު ފުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ރައީސް މައުމޫން ވިދާޅުވީ، ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު އެއްމެ ފުރަތަމަ ވެސް ހައްޔަރު ކުރެވުނީ އެ މަނިކުފާނު ކަމަށެވެ. އަދި ދޮގު އިލްޒާމްތަކެއްގެ މައްޗަށް އެ މަނިކުފާނު ހައްޔަރުކުރުމަކީ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލަން ކުރެވުނު މަސައްކަތެއްގެ ގޮތުގައި މައުމޫން ސިފަކުރެއްވިއެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރެއްވީ ވަކި ބައެއްގެ ފައިދާއަށްޓަކައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްގެން ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް މިކަހަލަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް މި އަމަލު ހިންގި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް މައުމޫން ގޮވާލެއްވިއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 5 ގައި މައުމޫން އަދި އެ މަނިކުފާނުގެ ދަނބިދަރިފުޅު މުހައްމަދު ނަދީމްގެ އިތުރުން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރެވުނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު، މި މައްސަލައާ ގުޅިގެން އިއްވި ބައެއް ހުކުމްތައް ބާތިލުކުރަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. އަދި ބައެއް ދައުވާތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމިއްލައަށް އެދިގެން ދައުވާ ނުކުރާ ގޮތަށް އަނބުރާ ނަގާފައި ވެއެވެ. ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ހޯއްދެވުމާ އެކު އެ ފަރާތްތައް ވަނީ މިނިވަންކޮށްފައެވެ.