ޕަބްލިކް ވޯކްސް ސާވިސް އާއި ކައުންސިލްގެ މަޝްވަރާ ބައްއްދަލުވުން ފަށައިފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ ބައްދަލުވުމަކީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ބާރުވެރިކުރުވައިގެން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ހިންގާ ސިޔާސަތުތަކުގެ ދަށުން އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސްއިން ދޭ ޚިދުމަތްތައް ވީހާ ވެސް ގާތުން ރައްޔިތުންނަށް ދިނުމަށްޓަކައި ރީޖަނަލް ޔުނިޓްތަކާއި ކައުންސިލްތަކާ އެކު އެކު ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ 8:00 އާ ހަމައަށް ކައުންސިލްތަކާ އެކު މަޝްވަރާ ކުރާނެއެވެ. މަޝްވަރާތައް ކުރުމަށް ފަހު އެގްރިމެންޓްތަކުގައި ސޮއިކުރާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
"ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ބާރުވެރިކުރުވައިގެން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ހިންގާ ސިޔާސަތުތަކުގެ ދަށުން އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސް އިން ދޭ ޚިދުމަތްތައް ވީހާ ވެސް ގާތުން ރައްޔިތުންނަށް ދިނުމަށްޓަކައި ޕަބްލިކް ވޯކްސް ސާވިސް އިން ދެމުން އައި ރީޖަނަލް ޔުނިޓްތަކާއި ކައުންސިލްތަކާ އެކު ބާއްވާ ބައްދަލުވުމެއް," އަކްރަމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި 11 އަތޮޅެއްގެ ކައުންސިލަރުން ބައިވެރިވެއެވެ. އެ އަތޮޅުތަކަކީ ލ، ޏ، ގއ، އދ، ދ، ސ، ބ، ގދ، ހދ، ތ، އަދި ރ. އަތޮޅެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަކީ އެމްޑީޕީގެ ވައުދެކެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލްތަކުން ނަގާފައިވާ ބާރުތައް މި ސަރުކާރުން ވަނީ އަނބުރާ ދީފައެވެ. މީގެ އިތުރުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް އިތުރަށް ބާރުވެރިކުރުވައި މާލީ ތަނަވަސްކަން ހޯދައިދިނުމަކީ ވެސް މި ސަރުކާރުގެ އަމާޒެކެވެ. އަދި މަޝްރޫއުތައް ހިންގުމުގައި ވެސް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް ބައެއް މަޝްރޫއުތައް ކައުންސިލްތަކުން ބީލަމަށް ލައި އެ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ހިންގުމަކީ ވެސް މި ސަރުކާރުގެ ވިސްނުމެކެވެ. މީގެ އިތުރުން މަޝްރޫއުތައް ރޭވުމާއި ހިންގުމުގައި ކައުންސިލްތަކުގެ މަޝްވަރާއާ އެކުގައި ހިންގުމަކީ ވެސް މި ސަރުކާރުގެ ވިސްނުމެކެވެ.