މާލޭގެ ބުކްޝޮޕެއްގެ ތެރޭގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ފުރައްސާރަ ކޮށްފިއެވެ.
އެކަމާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން އެ އަންހެން ކުއްޖާގެ މަންމަ ބުނީ، އެ ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:45 ހާއިރު ހެންވޭރުގައި ހުންނަ ބުކްޝޮޕެއްގެ ތެރޭގައި ކަމަށާއި، ދަރިފުޅަށް ޖިންސީ ގޯނާ ކުރީ އޭނާ ކައިރީގައި ހުއްޓާ ކަމަށެވެ.
އެކުއްޖާގެ މަންމަ ބުނީ، އާއިލާގެ މެމްބަރަކަށް އުފަންދުވަހުގެ ހަދިޔާއެއް ގަތުމަށް ބުކްޝޮޕަށް ވަދެ ހަދިޔާ ބަންދުކުރާނެ ކަރުދާހެއް ބަލަމުން ދަނިކޮށް، އެތަނުގައި ހުރި ބިދޭސީ މުވައްޒަފު އޭނާގެ ދަރިފުޅުގެ ޖިންސީ ގުނަވަނެއްގައި އަތްލި ކަމަށް އެ ކުއްޖާ ބުނި ކަމަށެވެ.
އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯރޓްކޮށްފައިވާއިރު، އެކަމާ ގުޅިގެން ބުކްޝޮޕްގެ ވެރިމީހާއާ ވާހަކަ ދެއްކުމުން އެ ބުކްޝޮޕްގައި ސްޓާފުންގެ ދަތިކަން ހުުރުމުން ވަގުތުން ފިޔަވަޅު ނޭޅޭނެ ކަމަށް ބުނި ކަމަށެވެ. އަދި ނަމަވެސް އެ މުވައްޒަފަށް ވެސް ނަސޭހަތް ދޭނެ ކަމަށް ބުނި ކަމަށް އެކުއްޖާގެ މަންމަ ބުންޏެވެ. އެ ގޮތުން އެ ބުކްޝޮޕްގެ އެހެން ފިހާރައަކަށް ބަދަލުކޮށްފައިވާ ކަމަށް ކުއްޖާގެ މަންމަ ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދީފައެވެ.
އެ މައްސަލަ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.