އަށް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގާ މިމަޝްރޫއުގެ މަސައްކަތް ކުރުމަށް މީގެ ކުރިން ކުރި އިއުލާން ބާތިލްކޮށް، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއަށް ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ''ކޮންސްޓްރަކްޝަން އޮފް މޭޖަރ ރޯޑްސް'' ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ފަންސާސް ހާސް ރުފިޔާ ދައްކަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައިވާ 8 ރަށަކީ ހދ.ހަނިމާދޫ، ރ.އުނގޫފާރު، ބ.އޭދަފުށި، ރ.ދުވާފަރު، ތ.މަޑިފުށި، ސ.ހުޅުމީދޫ، ލ.ފޮނަދޫ، ޏ.ފުވައްމުލަކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް ކޮންމެ ޕްރޮޖެކްޓަކަށް ފަނަރަ ސަތޭކަ ނުވަތަ ޔޫ.އެސް.ޑީ 100.00ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަންނާނީ 6 ފެބްރުއަރީ އިން 20 މާރިޗު އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.30 އިން 12:00 އަށް މި މިނިސްޓްރީން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބީލަން ހުޅުވުން އޮންނާނީ މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. އަދި ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.