ފެބްރުއަރީ ފަސްވަނަ ދުވަހަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭ ހިމެނޭ ދެ ކުޅުން ތެރިންގެ އުފަންދުވަހެވެ.
ޖުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި، ޕީއެސްޖީގެ ތަރި ނޭމާ ޖޭއާރުގެ އުފަންދުވަހަކީ ފެބްރުއަރީ ފަހެކެވެ.
1985 ގައި އުފަންވި ރޮނާލްޑޯވަނީ ތިން ފަހަރެއްގެ މަތިން ބެލޮން ޑި އޯ ހޯދާފައެވެ.
ރެއާލް އަށް 2009 ވަނަ އަހަރު ރެކޯޑު އަގަކަށް ބަދަލުވި ރޮނާލްޑޯ ވަނީ އެ ކްލަބަށް ކުޅުނު 394 މެޗުގައި 406 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ރެއާލްއާއެކު ތިން ޗެމްޕިއަންސް ލީގު، ދެ ލީގު ތަށި، ދެ ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ދެފަހަރު ކާމިޔާބު ކޮށްފައެވެ.
މިވަގުތު އިޓަލީގެ ޖުވެންޓަސްއަށް ކުޅެމުންދާ ރޮނާލްޑަށް މިއަދު އެ ފުރުނީ 34 އަހަރެވެ.
މިއަދު ހާއްސަވާ އަނެއް ކުޅުންތެރިޔަކީ 27 އަހަރުގެ ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާއެވެ.
1992 ގައި އުފަންވި ނޭމާ ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ބާސާއަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅެދިން 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.
ނޭމާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަނިކޮށް ބާސާއިން އޭނާ ޕީއެސްޖީއަށް ވިއްކާލާފައި ވަނީ 222 މިލިއަން ޔޫރޯއަށެވެ.
ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 46 ވުރެ ގިނަ މެޗު ކުޅެދީ، 41 ވުރެ ގިނަ ލަނޑު ޖަހާފައެވެ.
ބްރެޒިލްގެ ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބު ކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 96 މެޗުގައި 60 ލަނޑު ކާމިޔާބު ކޮށްފައެވެ.