ހދ.މަކުނުދޫގައި ފެނަކައިން ހިންގަމުންދާ އިންޖީނުގޭގައި ކަރަންޓުގެ ޚިދުމަތްދޭނެ ކެޕޭސިޓީ ނެތް ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވީ އިރުއިރުކޮޅާ ކަރަންޓު ކެނޑޭތާ ދެމަސް ދުވަސްވެފައިވާ ކަމަށާއި، މިއަދު ހެނދުނު ކަރަންޓު ކެނޑެނު ގޮތަށް ކަރަންޓު ލިބުނީ މިރޭ ކަމަށެވެ.
ޝާކިރު ވިދާޅުވީ އިންޖީނުގޭގައި 230 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި، 200 ކިލޯވޯޓުގެ ޖަނަރޭޓަރެއް އެބަހުރި ކަމަށާއި، ނަމަވެސް މިދެ ޖަނަރޭޓަރުން ވެސް މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެވޭނެ ކެޕޭސީޓީ ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދިއްދޫގައި ބޭނުން ކޮށްފައި އިން ބާޖަނަރޭޓަރެއް ވެސް އެބަ ހުރި ކަމަށާއި، ނަމަވެސް އެވެސް އިންސްޓޯލް ނުކުރާ ކަމަށެވެ.
ޝާކިރު ވިދާޅުވީ ރަށު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކަރަންޓު ބޭނުން ކުރާ ވަރު އިތުރުވެފައިވާ ކަމަށެވެ.
"މިހާރު ހުރިހާ ގެއެއްގަ ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު. ގާތްގަނޑަކަށް ހުރިހާގެއެއްގައި ހުންނަ ހުރިހާ ކޮޓަރި ތަކެއްގައި އޭސީ ހުރޭ. އެހެންވީމަ ކަރަންޓު އިތުރަށް ނަގާނެއްނުންތޯ" ޝާކިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާކިރު ވިދާޅުވީ އިރުއިރު ކޮޅާ ކަރަންޓު ކެނޑޭތީ ރައްޔިތުންގެ ޝަކުވާ ބޮޑު ކަމަށާއި، އިލެކްޓްރިކް ސާމާނުތައް ހަލާކުވާ މައްސަލަ ވެސް ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އެރަށަށް ދުރުވިސްނުމަކުން ކަރަންޓު ފޯރުކޮށްދިނުމަށް ވިސްނަން ޖެހޭކަން ފާހަގަކުރައްވައި ޝާކިރު ވިދާޅުވީ އެރަށުގެ މަސްމާރުކޭޓް، އެސްޓީއޯ ގުދަން، އެމްއެންޑީއެފް ރާޑަރ ސިސްޓަމް ބަހައްޓާފައި ހުންނަ ތަނަށް ކަރަންޓު ނުލާ ކަމަށާއި، މިތަންތަނަށް ކަރަންޓު ލާ ނަމަ ކަރަންޓު އުފެއްދޭނެ ބޮޑު ކިލޯވޯޓު ދެ ޖަނަރޭޓަރު ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އޭރުން ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓު ކެނޑޭ ހާލަތުގައި ބެކަޕް ޖަނަރޭޓަރު ބޭނުންވާ ކަމަށެވެ.
ޝާކިރު ވިދާޅުވީ ކަރަންޓު ކަނޑޭ މައްސަލަ ފެނަކަ ހެޑް އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، ދާދި އަވަހަށް ދިއްދޫއިން ގެނެސްފައިވާ ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ބަޔަކުދާނެ ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ވަގުތީ ހައްލެއް ކަމަށާއި، ދާއިމީ ހައްލެއް ހޯދުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަކުނުދޫގެ އާބާދީއަކީ 1834 އެކެވެ.