ފެލިވަރުގެ ދަޅު މަސް ބަންދުކުރާ ކަރުހާނާގެ ސްޓްރަކްޗަރ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ މެނޭޖިންގް ޑައިރެކްޓަރު އިސްމާއިލް ފައިސަލް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ފެލިވަރު މަސްކާރުހާނަށް 41 އަހަރު ފުރުމަށް ޅ. ފެލިވަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި ތަނުގެ ސްޓްރަކްޗަރ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މަސައްކަތަށް އެކަށޭނެ މުވައްޒަފުން ތަމްރީނު ކުރަން ޖެހޭ ކަމަށެވެ.
ފެލިވަރުގެ މަސައްކަތް ހަރުދަނާކޮށް ތަނަށް ފައިދާވާ ގޮތަށް ވަރަށް ގިނަ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މިހާރު އެ ކާރުހާނާ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 50 މެޓްރިކްޓަނުގެ މަސް ޕްރޮސެސް ކުރެވޭ ކަމަށާއި ވާދަވެރި ސިނާއަތަށް ނުކުންނައިރު އެ އަދަދު އިތުރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ފައިސަލް އިތުރަށް ވިދާޅުވީ މ ދުނިޔޭގެ މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަރައިގެން ދިޔުމާ އެކު، މިހާރު މަސައްކަތް ކުރަން ޖެހެނީ ވަރަށް ވާދަވެރި މާހައުލެއްގައި ކަމަށާއި އެ ވާދަވެރި މާކެޓަށް އެތަކެއް ކުންފުނިތައް މިހާރު ވަންނަމުންދާ ކަމަށެވެ. އަދި މި ވާދަވެރި ސިނާއަތުގައި ފައި ހަމަކުރުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުވައްޒަފުންނާ ގުޅުން ހުރި ވަސީލަތްތައް ހަރުދަނާކޮށް ރަނގަޅު ކުރަންޖެހޭ ކަމަށް ވެސް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން މިފްކޯގައި 36 އަހަރަށް ވުރެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑުތައް ވަނީ ހަވާލުކޮށްފައެވެ.
1978 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހު ފެށި މި ކާރުހާނާގައި ފުރަތަމަ މަސައްކަތް ކުރީ 70 މުވައްޒަފުން ކަމުގައިވިޔަސް މި ފެކްޓްރީގައި މިހާރު 400 ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.
މިފްކޯއަކީ 1993 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ފެކްޓްރީ ހިންގަމުންދާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހަދާފައިވަނީ 2016 އަހަރުގެ އޮކްޓޯބަރު މަހުއެވެ.