ހުޅުމާލޭގެ އިރުމަތީފަރާތު ބީޗް ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ނެގުމުގެ މުއްދަތު 31 ޖެނުއަރީ އަށް ހަމަވި ނަމަވެސް އަދި ވެސް ގިނަ ތަންތަން އަދިވެސް ނުނަގައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބީޗުގައި ހަޓުތައް ޖަހައިގެން ވިޔަފާރި ކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށާއި ހުޅުމާލޭގެ އިރުމަތީފަރާތުގެ ގޮނޑުދޮށާއި ހޭޅިފަށް ސަރަޙައްދަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ އާންމު ފަރުދުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުންކުރުމަށް ކަނޑައަޅާފައިވާ އާންމު ސަރަޙައްދެއް ކަމަށެވެ. އަދި އެ ސަރަޙައްދަކީ ވަކި ގޮތަކަށް ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައްޙައްދެއް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
![](https://dyncz33htw1ec.cloudfront.net/posts/1549265407.jpg)
ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އެޗްޑީސީގެ މީޑީއާ އޮފިޝަލް ބުނެފައި ވަނީ އިއުލާނާ އެއްގޮތަށް ހަޓްތައް ނަގަން ޕްލޭންކޮށްފައިވާ ކަމަށާއި މުއްދަތު ހަމަވުމުގެ ކުރިން ބައެއް ފަރާތްތަކުން އެ ސަރަހައްދުގައި ވިޔަފާރި ކުރުމަށް ޖަހާފައިވާ މޭޒުތައް ނަގާފައިވާ ކަމަށެވެ.
މީގެ އިތުރަށް އެޗްޑީސީން ބުނެފައި ވަނީ މިހާރު ނުނަގައި ހުރި ތަންތަނާ މެދު އަމަލު ކުރާނެ ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ.
ގިނަ ތަންތަނުގައި އަދިވެސް ވިޔަފާރި ކުރަމުން ގެންދާތީ އާއި އެ މަސަތްކަތް ލަސްވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރުމުންނެވެ.