ލަންކާ އެއާޕޯޓް ކައިރީގައި ޑްރޯން އަރުވައިގެން ހައްޔަރު ކުރި ހަތަރު ދިވެހިން ދޫކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ ހަތަރު ދިވެހިންގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ލަންކާ އެއާޕޯޓު ކައިރީގައި ޑްރޯންއެއް އަރުވައިގެން ހައްޔަރުކޮށްފައިވަނީ އެގައުމުގެ ފުލުހުން ބުނާގޮތުގައި 19 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާނުން ކަމަށެވެ. އޭގެތެރޭގައި އަންހެނެއް ހިމެނެއެވެ.
ލަންކާގެ އެއާޕޯޓާ އަށް ކިލޯމީޓަރު ކައިރިއަށް ޑްރޯން އެރުވުމަކީ މަނާ ކަމެކެވެ. އަދި 200 ގްރާމަށްވުރެ ބަރު ކޮންމެ ޑްރޯނެއް ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރެޖިސްޓްރީކުރަންޖެހޭއިރު ރޭގަނޑު ގަޑީގައި ޑްރޯން އެރުވުމަށް އިތުރު ހުއްދައެއް ބޭނުންވެއެވެ.