ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ތަޢާރަފުކުރާ "އެކްޓިވް ވާރކްޕްލޭސް" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފުތިތާޙު ކޮށްދެއްވައިފިއެވެ.
"އެކްޓިވް ވާރކްޕްލޭސް" ނުވަތަ "ހަރަކާތްތެރި މަސައްކަތު މާހައުލު" ހަރަކާތް އިފުތިތާޙު ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ޙަފުލާގައި ފައިސަލް ވިދާޅުވީ ކެންސަރު ބަލިން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުން މުހުންމު ކަމަށެވެ. އެގޮތުން ފައިދާހުރި ކާނާ ކެއުމަށާއި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ކޮންމެ ދުވަހަކު ކަސްރަތުކޮށް ހެލިފެލިވެ އުޅުމަށާއި ޞިއްހަތަށް ގެއްލުންހުރި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސް ކުރެއްވިއެވެ.
ކެންސަރަށް މަގުފަހިވާ އަމަލުތަކުގެ ތެރޭގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލި ވުމަށާއި ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވައި އެކަމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަމެއްދެއްވާ ކަމެއްކަމުގައި ވެސް ނައިބު ރައިސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން "އެކްޓިވް ވާރކްޕްލޭސް" ފަދަ ހަރަކާތެއް ކެންސަރ ސޮސައިޓީން ކުރިއަށް ގެންގޮސްދޭ ކަމަށް ޝުކުރު އަދާކުރެއްވިއެވެ.