ވެނެޒުއެލާގެ އިދިކޮޅު އެކްޓިވިސްޓް މާރިއާ ކޮރީނާ މަކާޑޯ އެ ގައުމުގެ ވެރިކަމަށް ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.
"ޓްރިޝް ރޭގަން ޕްރައިމްޓައިމް" ގައި މަޝްހޫރު އެންޓި-މަޑޫރޯ އެކްޓިވިސްޓް މަކާޑޯ ބުނެފައިވަނީ، އިދިކޮޅު ލީޑަރު ވޭން ގުއާޑޯ އާއްމު އިންތިޚާބަށް ގޮވާލިހާ އަވަހަކަށް އޭނާ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށެވެ.
"އަހަރެމެން މިތިބީ ތަފާތު ހިނދުކޮޅެއްގައި. އަހަރެމެން އެބަޖެހޭ ކުރިއަށްދާން" އެކަމަނާ ވިދާޅުވެފައިވެއެވެ.
މަކާޑޯއަށް އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެކަމަނާ ވެގެން ދާނީ ވެނެޒުއެލާގެ ފުރަތަމަ އަންހެން ރައީސާއަށެވެ. މަކާޑޯ އަކީ ޔޭލް ޔުނިވަރސިޓީއިން ތަޢުލީމް ހާޞިލްކުރައްވައިގެން ހުންނެވި، އިނގިރޭސިބަހަށް މޮޅު ކަނބަލެކެވެ.
"އެމީހުން އަހަރެމެންގެ ދަރިންނަށް ބިރުދެއްކި، އަދި އެމީހުން އަހަރެމެންނަށް ޖިސްމާނީގޮތުން އަނިޔާކުރި"، ވެނެޒުއެލާގެ ސީކްރެޓް ޕޮލިސް މަސައްކަތް ކުރާގޮތް ކިޔާދެމުން އެކަމަނާ ވިދާޅުވެފައިވެއެވެ.
"އަހަރެން ކަރާކަސް އިން ބޭރަށް ފިޔަވަޅެއް އެޅިޔަސް އެމީހުން އަހަރެންނަށް ފާރަލާ. އަހަރެންނަށް ކޮމާޝަލް މަތިންދާބޯޓަކުން ދަތުރެއްވެސް ނުކުރެވޭ. އެއީ އެމީހުން ކައިރީ ބުނެފަ އޮތީ އެމީހުން އަހަރެން ބޯޑް ކޮށްފިޔާ އެމީހުންގެ ލައިސަންސް ގެއްލޭނެޔޭ. އެހެންވީމަ އަހަރެން ޖެހެނި ކާރުގަ ދަތުރުކުރަން" އޭނާ ބުންޏެވެ.
އެހެންނަމަވެސް މަކާޑޯ އަކީ ކެރޭ، ޖެހިލުންކުޑަ ކަނބަލެކެވެ. "ޓްރިޝް ރޭގަން ޕްރައިމްޓައިމް" ގެ އެކްސްކްލޫސިވް ވީޑިއޯގައި އެކަމަނާ ވަނީ ސީކްރެޓް ޕޮލިސްއާ ކުރިމަތިލާ، އެމީހުން މަސައްކަތް ކޮށްދެނީ ކާކަށްތޯ ސުވާލުކޮށް، އެމީހުންނަށް ގަޢުމަށް ޚިޔާނަތްތެރި ވުމަށް ލިބޭ ފައިސާ އެހާ އަގުހުރިތޯ ސުވާލުކުރައްވާފައެވެ.
ބުރާސްފަތި ދުވަހުގެރޭ ޕްރޮގްރާމަށްފަހު ގުއާޑޯ ވަނީ ރޭގަންއަށް ފޯނުން ގުޅުއްވާ، އެކަމާގުޅޭގޮތުން ކަންބޮޑުވުން ހާމަކުރެއްރީތީ ޝުކުރުދަންނަވާފައެވެ.
މަކާޑޯ ވެރިކަމަށް ކުރިމަތިލެއްވުމަށް ވެފައިވާ ވަޢުދާއި ގުޅިގެން ގިނަ ފަރާތްތަކުން ބުނަނީ، މިފަހަރު މަޑޫރޯވެސް ކުރިމަތިލައިފިނަމަ، މަކާޑޯ ވެގެންދާނީ ވެނެޒުއެލާގެ "ރޮސް ޕެޓްރޯލް" ނުވަތަ "ހޮވާއް ޝަލްޓްޒް" އަށް ކަމަށެވެ. ނަމަވެސް ބައިނަލްއަގްވާމީ މަޝްރަހުގައި މަޑޫރޯއަށް ލިބެމުންދާ ނަފްރަތުގެ ސަބަބުން އޭނާ ވެރިކަމަށް ކުރިމަތިލުމަކީ ދުރުކަމެއްކަމަށް ބެލެވެއެވެ.