ކެންސަރު ބަލީގެ އެކި ބާވަތްތަކުގެ ތެރެއިން އަންހެނުންނާ ގުޅުންހުރި ބާވަތްތަކަށް ޚާއްސަކޮށްގެން އިންދްރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
އައިޖީއެމްއެޗްގެ ޑިޕާރޓްމަންޓް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީއިން އިންތިޒާމު ކޮށްގެން ހިންގާ މި ހަރަކާތްތައް ހޯމަ ދުވަހުގެ މެންދުރު 01:00 އިން ހަވީރު 04:00 އަށް އައިޖީއެމްއެޗްގެ އާރް.އެޗް.ސީ މީޓިންގ ރޫމްގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައިޖީއެމްއެޗުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރެއިން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު (ސަރވިކަލް ކެންސަރު) ދެނެގަތުމަށް ސްކްރީން ކޮށްދިނުމާއި، ކެންސަރުގެ ބާވަތްތަކަށް ހޭލުންތެރި ކުރުމަށް ސިއްހީ މާހިރުން މެދުވެރިކޮށް މައުލޫމާތު ދިނުން ހިމެނެއެވެ.
އޭގެ އިތުރުން ކެންސަރު ބަލީގެ ދުވަސް ފާހަގަކޮށް، އެ ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށްޓަކައި އޮންކޯސަރޖަންއެއް ކަމަށްވާ ޑރ.މުހައްމަދު ޝިފާން ބައިވެރިވެލައްވާ ޕެނަލް ޑިސްކަޝަންއެއް އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންގާރަ ދުވަހު ފެކަލްޓީ އޮފް ހެލްތު ސައިންސްގެ އޮޑިޓޯރިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕެނަލްއަކީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މިއަހަރު މި ދުވަހަށް ޚާއްސަކޮށްފައިވާ ޝިއާރަކީ "އަހަރެންނަކީ، އަދި އަހަރެން" ނެވެ.