އައްޑޫސިޓީގައި ހަތަރު އަހަރުގެ އޯޓިސްޓިކް ކުއްޖެއްގެ ގައިގައި އިސްތިރި ޖައްސައި ފިއްސާލި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުއްޖެއްގެ ގައިގެ ތަންތަން ފިހިފައިވާ މައްސަލައެއް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދެފަރާތުން ގުޅިގެން ގާތުން ބަލަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އިސްތިރިން ޖެއްސި އަންހެން ކުއްޖަކީ އޯޓިސްޓިކް ކުއްޖެކެވެ. މި ހާދިސާ ހިނގި ދުވަހު އެކުއްޖާގެ މަންމަ ވަނީ ކުއްޖާ ރަށުގައި ބެހެއްޓުމަށްފަހު ކުއްލިގޮތަކަށް މާލެއަށް އައިސްފައެވެ.
އިސްތިރި ޖައްސާފައިވަނީ އެކުއްޖާގެ ކުރިމަތީ ފަރާތުގައި ކަމަށްވެއެވެ. އެކުއްޖާއަށް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފައެވެ.