ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުންގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނާއި ބައްދަލު ކުރައްވައިފިއެވެ.
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ހަރަކާތްތައް ޝަރަފުވެރި ކޮއްދެއްވުމަށް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އާދިއްތަ ދުވަހު ހަވީރު ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ރައީސް ސޯލިހުވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއިވެސް ބައްދަލު ކުރަށްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމު ރައީސް ސޯލިހު ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެޕްރީލް މަހުގެ 1ވަނަ ދުވަހުން ފެށިގެން އާސަންދައިގެ ޚިދުމަތް ލިބޭނެކަން އިއުލާން ކުރެއްވުމުގެ އިތުރުން އަވައްޓެރި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށްވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ލަންކާގެ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ލަންކާއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ވަނީ މިދިޔަ މަހު ލަންކާއަށް ވަޑައިގެންފައެވެ.