ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި، އަދާލަތު ޕާޓީ މަޝްވަރާކޮށްފިއެވެ.
އެމްޑީޕީގެ އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ އޭޕްރިލް މަހު ގައި ބާއްވާ އިންތިހާބުގެ ގޮނޑިތަކާއި ގުޅޭގޮތުން ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު ޢަލީ ނިޔާޒް އަށް ގުޅާލުމުން އޭނާ ވިދާޅުވީ, އިތުރު މައުލޫމާތު ފަހުން މީޑީއާ ހިއްސާ ކުރައްވާނެ ކަމަށެވެ. ބައްދަލުވުމުގައި ނިޔާޒްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އޭގެއިތުރުން އެމްޑީޕީގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، ޗެއާރޕާސަން ހަސަން ލަތީފާއި، ޗެއަރޕާސަންގެ ނައިބް އިދާރީ އަހުމަދު އަބްދުﷲ އާއި، ތަރުޖަމާން އިމްތިޔާޒް ފަހުމީގެ އިތުރުން ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ބައިވެރިވެވަޑައިގެންފައިވެއެވެ.
އަދާލަތު ޕާޓީގެ ފަރާތުން މި މަޝްވަރާގައި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފާއި، ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން ބައިވެރިވެޑައިގެންފައިވެއެވެ.
އަދާލަތުން މަޖިލީހުގެ 13 ދާއިރާ އަކަށް ކުރިމަތިލާން ނިންމާފައިވާއިރު ކުރީގެ ރައީސް މައުމޫނުގެ ތާއިދާއެކު 32 ދާއިރާ އަކަށް ކުރިމަތިލާނެ ކަމަށް އެމްއާރްއެމް އިން ވެސް ވަނީ ބުނެފައެވެ. އެމްޑީޕީން ވަކިން 87 ދާއިރާއަކަށް ވާދަކުރާނެކަން އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. ނަމަވެސް އެ ޕާޓީން ކެނޑިޑޭޓުން ނެރުމަށް ނިންމާފައިވަނީ 86 ދާއިރާއަކަށެވެ. ފ. ނިލަންދޫ ދާއިރާއަށް އެއްވެސް ކެނޑިިޑޭޓަކު ކުރިމަތިލާފައިނުވުމާއެކު އެ ދާއިރާއަށް އެމްޑީޕީން ވާދަނުކުރުމަށް ވަނީ ނިންމާފަ އެވެ.
Majlis gondithakaa behey gothun MDP aai @AdhaalathOffice mashvaraa koffi pic.twitter.com/B3MkhR7SU2
— MDP Secretariat (@MDPSecretariat) February 3, 2019
އެމްޑީޕީގެ މި ނިންމުމަށް ކޯލިޝަން ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އެމްޑީޕީން ހުރިހާ ދައިރާ އަކަށް ވަކިން ނިކުންނަ ނިންމި ނިންމުމަކީ މަޖިލީސް އިންތިހާބަށް ޖޭޕީއާ އެކު ހެދިފައިވާ އެއްބަސްވުން އުވާލައި ''އަހުދާއި ވައުދާއި'' ހިލާފުވުން ކަމަށް ގާސީމް ވަނީ ވިދާޅުވެފައެވެ.
ޖޭޕީން މަޖިލީހުގެ އިންތިހާބުގައި 36 ދާއިރާއަށް ވާދަ ކުރާނެކަން އިއުލާން ކޮށްފައި ވަނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި މަޖިލީސް އިންތިހާބަށް އިދިކޮޅު ޕާޓީތަކާއި އެކު ކޯލިޝަން ހަދަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.