މަތީތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީތަކާއި، ކޮލެޖްތަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ހުއްދަ ދީފައިވާ ގޮތާ ހިލާފަށް ޕްރްގްރާމްތައް ހިންގާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެއޮތޯރިޓީން ބުނެފިއެވެ.
އެމްކިޔުއޭއިން ނެރުނު ބަޔާނެއްގައި ބުނީ ބައެއް މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީތަކާއި، ކޮލެޖްތަކުން އެއޮތޯރިޓީއިން ހުއްދަ ދީފައިވާ ގޮތާ ހިލާފަށް ޕްރްގްރާމްތައް ރާވާ، ހިންގާ އަދި އިސްތިހާރު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެމްކިޔުއޭއިން ބުނީ އެކަޑަމިކް ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ ދިނުމަށްފަހު އެ ކޯސްތަށް ހިންގަނީ ހުއްދަދީފައިވާ ފެންވަރަށްތޯ ބެލުމަކީވެސް އެއޮތޯރޮޓީގެ ޒިންމާއެއް ކަމަށާއި، ހުއްދަ ދޭ މިންގަނޑުތަކާ ޚިލާފަށް ޕްރޮގާރަމްތައް ހިންގާނަމަ، އެތަނަކަށް ދީފައިވާ ހުއްދަ ބާތިލްކުރަންވެސް ޖެހިދާނެ ކަމަށެވެ.
އެހެންކަމުން ތައުލީމީ ޕްރޮގްރާމްތައް ހިންގުމުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ބޭރުން ޕްރޮގްރާމްތައް ނުހިންގުމަށް އެއޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެމްކިޔުއޭއިން ބުނީ އެކަޑަމިކް ޕްރޮގްރާމް ހިންގާ ފަރާތުން ޕްރޮގްރާމްގެ ޑޮކިއުމެންޓް އެއޮތޯރިޓީއަށް ހުށަހެޅުމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެއޮތޯރިޓީގެ މިންގަނޑަށް ފެތޭނަމަ ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަވެސް ދޭކަމަށެވެެ.
މިފަދަ ގޮތަކަށް އަމަލުކުރަން ޖެހެނީ ތައުލީމީ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމުގެ އިތުރުން ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށްވެސް އެއޮތޯރިޓީން ވަނީ ބުނެފައެވެ.