ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކޮށްލަން އާދީއްތަ ދުވަހު ލިބިވަޑައިގެންނެވި ފުރުޝަތަކީ، ވަރަށް އުފާވެރި ވަގުތުކޮޅެއްގެ ގޮތުގައި ރައީސް އިބުރާހިމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ތިންދުވަހުގެ ދަތުރުފުޅުގައި ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ސޯލިހު ލަންކާއަށް ކުރައްވަމުން ގެންދަވާ ތިންދުވަހުގެ ދަތުރުފުޅުގެ ތެރެއިން އާދީއްތަ ދުވަހު ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ރައީސް ސޯލިހުގެ ދެ ކަނބަލުން ވަނީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އަދި ވަރަށް މިނިވަންކަމާއެކު އެ ބައްދަލުވުން ކުރިއަށް ދިޔައެވެ. އެންމެންގެ މޫނުމަތިން ފެނިގެންދިޔައީ ހިފެހެއްޓުމެއްނެތް އުފާވެރިކަމެއެވެ. އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ފަޒޫއާ ބައްދަލުކުރަން އައި މީހުންނަށް އެ ކަމަނާ ދެއްކެވި ހިނިތުންވުމާއި ޝައުގުވެރިކަމެވެ. "މެޑަމް ނުކިއުއްވާށޭ" މިއީ ފަޒޫ އޭ ވިދާޅުވެ ފޮޓޯ ނަގަން ބޭނުންވި ފަރާތްތަކާއި ބައްދަލުކޮށް ފޮޓޯ ނަންގަވާފައިވެއެވެ.
އުފާވެރިކަމުގެ އިހްސާސްތައް ރާއްޖެ އެމްވީ އާއި ހިއްސާކުރައްވަމުން އެކަމަނާ ވިދާޅުވީ "،މިއަދު އަލަށް" އެ މީހުންނާއި ބައްދަލުކުރެއްވި ކަމުގައިވިޔަސް އެފަދަ އުފާވެރި އިހްސާސެއް އެ ކަމަނާއަށް ކުރިން ލިބިވަޑައިގެންފައިނެތް ކަމަށެވެ.
" އަލަށް ތާކަށް އައިސް އުޅޭ ހެނެއް ހީޔެއް ނުވޭ. މިއީ ބޮޑު ދިވެހި ކޮމިއުނިޓީއެއް ވިއްޔާ. ވަރަށް އުފާވެއްޖެ ، އެ މީހުންނާއި ބައްދަލުކޮށް ވާހަކަ ދައްކާލެވުނީމަ" ފަޒޫ ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާއަށް ކުރައްވަމުން ގެންދަވާ ތިންދުވަހުގެ ދަތުރުފުޅު، މި ކުރައްވަނީ ސްރީލަންކާގެ މިނިވަން ދުވަހުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވުމަށް އެ ގައުމުން ދައުވަތުދެއްވުމާއި ގުޅިގެން، އެ ދައުވަތު ގަބޫލުކުރައްވާ އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށެވެ. ސްރީލަންކާގެ މިނިވަންދުވަހަކީ ހަތަރެއް ފެބްރުއަރީއެވެ.
ފަޒޫ ވިދާޅުވީ ސްރީލަންކާގެ މިނިވަންދުވަހުގެ ހަފްލާ އަކީ އެ ކަމަނާ ވަރަށް ބައްލަވާ ހިތްޕުޅުވާ އަދި އެ ކަމަނާ ވަރަށް ގަޔާވާ ހަފްލާއެއް ކަމަށެވެ.
" ވަރަށް ލުކް ފޯވާރޑް އެބަކުރަން އެ އިވެންޓަށް. ވަރަށް ބަލާ ހިތްވޭ ޕެރޭޑާއި އެ ރަސްމިއްޔާތު" ފަޒޫ ވިދާޅުވިއެވެ.ސްރީލަންކާގެ މިނިވަން ދުވަހުގެ ހަފްލާ އޮތީ ހޯމަދުވަހުގެ ހެދުނު "ގޯލްފޭސް ގްރީން" ގައެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއެވެ.