މާލޭއަށް ބޭނުންވާ ކަރަންޓު އަވިން އުފެއްދުމަށް ސިނަމާލޭ ބްރިޖާއި ގުޅިފައިވާ ލިންކް ރޯޑުގެ އެއް ފަރާތުގައި ސޯލާ ޕެނަލް ބަހައްޓަން ނިންމައިފި އެވެ.
އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ ކޮށްފައިވާ އިއުލާނުގައި ބުނީ އެ މަޝްރޫއަކީ ހަކަތަ އުފައްދަން ތެލަށް ކުރާ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ 'އެކްސަލެރޭޓިން ސަސްޓެއިނަބްލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ'ގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން ފަސް މެގަ ވޮޓުގެ ކަރަންޓު އުފައްދާނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗު މަހުގެ 14 ކުރިން އެކަމަށް އެދި ފޯމް ހުށަހެޅޭނެ ކަމަށެވެ. އަދި ބްރިޖާއި ހައިވޭގެ އެއް ފަރާތުގައި ސޯލާ ޕެނަލްތައް ބެހެއްޓުމާއި ކަރަންޓު ދިނުމުގެ އިތުރުން އޮޕަރޭޓު ކުރުމުގެ ޒިންމާތައް ވެސް ނަގަން ޖެހެނީ މަޝްރޫއު ހިންގާ ފަރާތަކުން ކަމަށް މިއިޔުލާނުގައި ވަނީ ބުނެފައެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ސަރަހައްދުތަކުގައި ހިންގާ އެ ޕްރޮޖެކްޓަށް 16 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައިވެއެވެ.