މާލެ ސިޓީގައި ދިރިއުޅޭ އިސްރަށްވެހިންނަށް ޚައްސަކޮށްގެން ހަވީރެއް ބޭއްވުމަށް މަލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ނިންމައިފިއެވެ.
އިސްރަށްވެހިންނަށް ބާއްވާ މި ހަވީރު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މި ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުގެ ހަވީރު 04:10 ން އެދުވަހުގެ އިރުއޮއްސި 06:00 އަށެވެ. ހަރަކާތް ކުރިއަށްދާނީ ސަލްޓަން ޕާކުގެ ސްޓޭޖް ސަރަޙައްދުގައެވެ.
އިސް ރަށްވެހިންނަށް ބާއްވާ މި ހަވީރުގައި އެ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި އިސް ރަށްވެހިންނަށް އަޅާލުމާއި އިޙުތިރާމް ކުރުމާއި ގުޅޭގޮތުން ދީނީ ނަސޭހަތް ދިނުމާއި، ހަވީރުގެ ބައިވެރިންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ހިންގާ ތަޢާރުފުވުމުގެ ހަރަކާތަކާއި، ލުއި ކަސްރަތު (ސްޓްރެޗިންގ) ކުރުން ހިމެނެއެވެ. ދުޅަހެޔޮ ކާނާ އާއި ގުޅޭގޮތުން އިސް ރަށްވެހިންނަށް މަޢުލޫމާތު ދިނުމާއި، ގޭތެރޭގައި އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ ކަން ކުރާނެ ގޮތް ދަސްކޮށްދީ، އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތް ދަސްކޮށްދިނުންވެސް މި ހަވީރުގައި ކުރިއަށް ދާނެއެވެ.
މީގެ އިތުރުން އިސްރަށްވެހިންނަށް މުހިއްމު ވާނެ ފަދަ އެހެނިހެން މައުލޫމާތު އެފަރާތްތަކަށް ދިނުމާއި، ބޮޑުބެރާއި ރައިވަރު ހިމެނޭގޮތަށް، މުނިފޫހި ފިލުވުމުގެ ހަރަކާތްތައްވެސް މި ހަވީރުގައި ވަނީ ހިމަނާފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ދަށުން ހިނގާ މަލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ދަނީ މިފަދަ އިޖުތިމާޢީ އެކި ހަރަކާތްތައް ރާވައި ހިންގަމުންނެވެ.