ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަން ބެލުމަށްޓަކައި އުފައްދާފައިވާ ކައުންސިލަށް، މި ސަރުކާރަށް މެމްބަރަކު ކަނޑަނޭޅި ލަސްވެފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް އެކަން ކުރެއްވުމަށް، ކުރީގެ ޑިސެބިލިޓީ އެމްބެސެޑަރ އަޙުމަދު ހިޝާން ސަރުކާރަށް ގޮވާލައިފިއެވެ.
ހިޝާން މިފަދައިން ގޮވާލެއްވީ ރާއްޖެ ޓީވީން ގެނެސްދިން "ޚަބަރު ފީތާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކައުންސިލަށް މެމްބަރަކު އައްޔަން ކުރުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށާއި އަދިވެސް އެ ކައުންސިލުގައި އިންނެވީ ކުރީ ސަރުކާރުގެ މެމްބަރެއްކަމަށް ހިސާން ވިދާޅުވިއެވެ. މިކަމުން ދޭހަކޮށްދެނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންތައްތަކަށް ސަރުކާރުން ދޭ ސަމާލުކަން ކުޑަކަންކަމަށްވެސް ހިސާން ވިދާޅުވިއެވެ.
ހިސާން އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރާ ގޯސްކަންތައްތަކަށް ފާޑު ކިޔާނެ ކަމަށާއި، ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އެ ކަންކަމުގެ ޒިންމާ ފުރިހަމައަށް ނަންގަވަންޖެހޭނެ ކަމަށެވެ.
"ހިތަށް އަރާފާނެ އަޅުގަނޑު ހުރިހާ ސަރުކާރަކަށް ފާޑު ކިޔަނީއޭ. އަޅުގަނޑު ވާހަކަ މި ދައްކަނީ، ފާޑު މި ކިޔަނީ އަޅުގަނޑުމެން ހިތްހަމަ ނުޖެހޭ ކަންކަން ހުރީމަ" ހިޝާން ވިދާޅުވިއެވެ.
ހިޝާން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންތައްތަށް ބެލުމަށްޓަކައި އުފައްދާ ކައުންސިލަކީ ޤާނޫނަކުން އުފެދިގައިވާ ކައުންސިލެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރަކީ މި ކައުންސިލްގައި އެންމެ ބާރުގަދަ އެއް މެމްބަރު ކަމަށެވެ.
ޚާއްޞަ އެޙީއަށް ބޭނުންވާ ފަރާތްތަކަށް އިހުމާލު ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމާ މުހާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި، އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ސަރުކާރު އިހުމާލެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާސީ ކެމްޕޭނުގެ ތެރޭގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ބޭނުންވަނީ އެ ފަރާތްތަކުގެ ދަރިން އެލަވަންސް ލިބިގެން އުމުރު ދުވަހު ގޭގައި ތިބެން ނޫން ކަމަށާއި، އެ ފަރާތްތަށް ބޭނުންވަނީ އެ ފަރާތްތަކަށް ހުނަރު ދަސްކޮށްދީ މަސައްކަތްތަކެއް ކުރެވޭނެ ބަޔަކަށް ހަދައިދިނުން ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިހުމާލު ނުވާނެކަމަށް ރައީސް ވިދާޅުވިއިރު، މިނިސްޓަރ އޮފް ހެލްތް އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ކަންތައްތައް ކުރިއަށް ގެންދަވާނެ ދެ މިނިސްޓްރީއެވެ.