ސާފް ރާއްޖެ އަހަރެންގެ ވެސް ޒިންމާ މި ޕްރޮގްރާމްގެ ދަށުން ވިލިމާލެ ސާފްކުރުމުގެ ޕްރޮގްރާމް ރައީސުލްޖުމްހުރިއްޔާގެ ނައިބް ފައިސަލް ނަސީމް އިފްތިތާހް ކޮށްދެއްވައިފިއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ވިލިމާލެ ސާފްކުރުމުގެ ޕްރޮގްރާމް ނައިބުރައީސް ފައްޓަވައި ދެއްވާފައި ވާއިރު މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ވޭސްޓްމެނޭޖްމެންޓް ކޮޕަރޭޝަން ( ވެމްކޯ) އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެންނެވެ.
ވިލިމާލެ ސާފްކުރުމުގެ ޕްރޮގްރާމް ކުރިއަށް ދިޔަ ގޮތާއި ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ޕްރޮގްރާމަށް ސާފް ކުރުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ވެމްކޯއިން ގެނެސްފައި ވާކަމަށާއި މި ޕްރޮގރާމްގެ ދަށުން ވިލިގިލީގެ ހުރިހާ މަގުތަކަކާއި، ބީޗް ސަރަހައްދާއި، ގޯޅިތަކާއި އަދި ހުސްކޮށް ހުރި ބިންތައް ފަދަ ތަންތަން ސާފް ކުރެވިގެން ދާނެ ކަމަށެވެ.
އަދި ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކޮށް ރީ ޔޫޒް ކުރާވަރު އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރެވިގެން ދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަންނަ ހަފްތާގައި މާލޭގެ މަގުތަކާއި ކަންކަން މަތީގައި ހުންނަ ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ދާނެކަން ފާހަގަ ކުރައްވާ އެޑަމް ވިދާޅުވީ "ސާފް ފެބުރުއަރީ" ގެ ނަމުގައި ގިނަ ހަރަކާތްތަކެއް މިމަހު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރެގައި ހިމެނޭ މުޅިރާއްޖެ ސާފްކުރުމުގެ ކެމްޕެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައި ދެއްވާފައިވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ.
"ސާފް ރާއްޖެ އަހަރެންގެ ވެސް ޒިންމާ" މި ޕްރޮގްރާމް މުޅި ރާއްޖޭގައި ގައުމީ ފެންވަރެއްގައި ހިންގުމަށް ހަމަޖެހިފައިވާއިރު ރައްކާ ތެރިގޮތުގައި ކުނި ނައްތާލުމަށް މީހުން ހޭލުންތެރި ކުރުމާއި ތަފާތު ވިހަ ކުނިބުނިން ރާއްޖޭގެ މާހައުލު ސަލާމަތް ކުރުން ހިމެނެއެވެ.
މި ޕްރޮގްރާމްގެ ދަށުން ތަފާތު އެކއެކި ހަރަކާތްތައް ހިންގުމަށް ސަރުކާރުން ވަނީ ރާވާފައެވެ.