މާލޭ މާރުކޭޓް ސަރަހައްދުގައި ސަލާންޖަހަން ތިބޭ ފަރާތްތަކާއި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ބައްދަލު ކުރައްވައިފިއެވެ.
ހުކުރު ދުވަހު ޖެންޑަރ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިނިސްޓަރ ލޯކަލް މާރުކޭޓް ސަރަހައްދުގައި ، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުރި ބައެއް ފަރާތްތަކާއި ބައްދަލު ކޮށްފައިވަނީ އެ ފަރާތްތައް ސަލާންޖަހާކަން ފާހަގަކުރެވިފައިވާތީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ ކިހިނެއްކަން ދެނެގަތުމަށް ކަމަށެވެ.
ލޯކަލް މާރުކޭޓު ސަރަޙައްދުގައި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުރި ބައެއް ފަރާތްތައް ސަލާންޖަހާކަން ފާހަގަކުރެވިފައިވާތީ، އެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދޭނީ ކިހިނެއް ކަން ދެނެގަތުމުގެ ގޮތުން މިނިސްޓަރ ޝިދާތާ އެ ފަރާތްތަކާ ބައްދަލުކުރައްވައިފި pic.twitter.com/ZcZGJXIVUx
— Ministry of Gender, Family and Social Services (@Min_Gender) February 1, 2019
އެ މީހުންނާއި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެމީހުންނަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެވިފައިވާ ކަމަށާއި ސަރުކާރުގެ ހުރިހާ ވުޒާރާތައް ގުޅިގެން މަސަތްކަތް ކުރައްވާނެކަމަށެވެ. މިނިސްޓަރ ވަޑައިގަތުމުން އެ ފަރާތްތަކުން ވަނީ ދިމާވެފައިވާ ދަތިތައް މިނިސްޓަރަށް ކިޔައިދީފައެވެ. އެގޮތުން ވަޒީފާ ލިބުމުގައިހުރި ދަތިތައް ފާހަގަކޮށް ވަޒީފާ ލިބޭނަމަ ވަޒީފާ އަދާކުރަން ބޭނުން ވާކަމަށް ބައެއް މީހުންވަނީ ބުނެފައެވެ. މީގެއިތުރުން މިނިސްޓަރ ޝިދާތާ ވަނީ ސަރުކާރުގެ ސޯޝަލް ސްކީމްތަކާބެހޭގޮތުން ގިނަ ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ލިބިފައި ނުވާކަން ފާހަގަކުރައްވާފައެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ދަތި ހާލުގައި ތިބިމީހުންގެ މަޢުލޫމާތު އެއްކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. ޢާއިލާގެ ފަރާތުން އަޅާލުން ނުލިބޭ މީހުންނާއި ނުކުޅެދުންތެރިކަން ހުރި ކުދިން ބަލަމުންދާ މީހުން މާރުކޭޓް ސަރަހައްދުގައި ސަލާންޖަހަން ތިބޭކަން ފާހަގަ ކޮށްލެވެއެވެ.