މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭނެކަން ކަށަވަރު ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލީސް ކެމްޕޭން ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެއް އަޑަކުން ގޮވަމުން ދަނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށް ކަމަށެވެ. ހަމަ އެއާއިއެކު އެ ރައްޔިތުން އުއްމީދުތައް ފުރިހަމަ ކޮށްދިނުމަށް އެމްޑީޕީން ކުރާ މަސައްކަތުގެ ނަތީޖާ އެ ޕާޓީން ނެރޭނެ ކަމަށާއި، އެކަން ފުރިހަމަ ކޮށްދިނުމުގެ ކުލަވަރު މިހާރުވެސް ފެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީއަށް މެޖޯރިޓީ ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، އެކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، އޭޕްރީލް މަހު ބާއްވަ އިންތިހާބުގައި އެކަން ފެނިގެންދާނެ ކަމަށެވެ.
''އިރާދަކުރެއްވިއްޔާ އޭޕްރިލް ހަ ވަނަ ދުވަހު ތިޔަ ބޭފުޅުންނަށް އަނެއްކާވެސް ޓީވީ ތަކުން ފެންނަން ފަށާނެ. މުޅި ސްކްރީން ހުރިހާ ގޮނޑި އެއް ރީދޫ (އެމްޑީޕީ) ވަމުންދާ ތަން. ރައްޔިތުންގެ މަޖިލީހުގެ އެޕްރީލް އިންތިހާބު، 19 ވަނަ މަޖިލީހުގެ އިންތިހާބުގައި މި ޕާޓީ އިރާދަކުރެއްވިއްޔާ މާ ތަނަވަސް ޢަޢުލަބިއްޔަތަކުން އެ މަޖިލީސް ކާމިޔާބު ކުރާނެ '' ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން ދިވެހި ރައްޔިތުން އެދޭ ކަންތައްތައް ޕާޓީ އަށް ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށާއި، އެ ޕާޓީގެ މެނިފެސްޓޯ އެކުލަވައިލާފައި ވަނީ ދޮރުން ދޮރަށް ހިނގާ ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ހަރަކާތުގައި އެންމެ ގިނަ ދުވަސްވެފައިވާ އެމްޑީޕީ އަކީ ތަޖުރިބާއިން ފުރިގެންވާ ޕާޓީ އެއް ކަމަށާއި، އެ ޕާޓީއަށް ލިބިފައިވާ ފިލާވަޅުތަކަކީ ރާއްޖޭގެ އެހެން އެއްވެސް ޕާޓީ އަކަށް އަދި ވަކި ސިޔާސީ ފަރުދަކަށް ވެސް ލިބިފައިވާ ތަޖުރިބާއެއް ނޫން ކަމަށް އެޕާޓި އުފެއްދުމުގައި އެންމެ އިސްސަފުގައި އުޅުއްވާ ޖަލުގައި ދުވަސް ތަކެއް ހޭދަ ކުރެއްވަން ޖެހި ވަޑައިގަތް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ވައުދުތަކަކީ އެމްޑީޕިން ''ރަނުން ރަނަށް'' ފުއްދާނެ ވައުދުތަކެއް ކަމަށެވެ.