މި އަހަރުގެ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މިހާރުގެ މެންބަރު އަޙުމަދު ފާރިސް މައުމޫން މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރަން ނިންމައިފިއެވެ.
މެންބަރު ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ހަޟުރަތުން ވާތްގަށް އެދި، އެންމެންނަށް އިންސާފާއި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް އެދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫނުގެ ތާއީދާއެކު، ގިނަ އަދަދެއްގެ ކެންޑިޑޭޓުން، މަޖިލިސް އިންތިޚާބަށް ވާދަކުރާނެ ކަމަށް އެމްއާރްއެމްއިން މައުލޫމާތުދެއެވެ.
އެގޮތުން އެމްއާރްއެމްގައި އިސްކޮށް މަސައްކަތްކުރައްވާ އައިމިނަތު ނާދިރާ ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި އޭނާއަކީ ދާއިރާގެ ރައްޔިތުންގެ އަޑު އަހާނެ މީހެއް ކަމަށާއި، ދާއިރާގެ ރައްޔިތުންގެ އަޑު އިއްވައިދިނުމުގައި ސާބިތުކަމާއެކު ހުންނާނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.
އެމްއާރްއެމް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.